މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވަމުންދާ ކަމަަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމުގައި، ޝަމީމަށް ތުހުމަތުކޮށްފައިވާ ބައެއް މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ފޮނުވަން ޕީޖީ އޮފީހަށް އަންގާފައިވީ ނަމަވެސް އެ ލިޔުންތައް ފޮނުވާފައިނުވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.

ޝަމީމަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އޭނާ ކޮމިޓީއަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މިއަދުއެވެ.

ޝަމީމު ކޮމިޓީއަށް ހާޒިރުކުރުުމުގެ ކުރިން، އެ މައްސަލައިގައި ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް މިއަދު 10:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ، ކޮމިޓީން ހޯދުމަށް އެދިފައިވާ ލިޔެކިޔުންތައް އިއްޔެގެ ސަރުކާރު ބަންދުވުމުގެ ކުރިން ފޮނުވައިދިނުމަށް އެދުނު ނަމަވެސް އެ ލިޔެކިޔުންތައް ފޮނުވާފައިނުވާ ކަމަށެވެ. އަދި މިއަދު ހެނދުނު އެ ލިޔެކިޔުންތައް ފޮނުވައިދޭޭނެ ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް މިވަގުތާ ހަމައަށް މަޖިލިސް އިދާރާއަށް ނުވަތަ ކޮމިޓީއަށްވެސް އެ ލިޔެކިޔުންތައް ފޮނުވާފައިނުވާ ކަމަށްވެސް ހުސްނީ ވިދާޅުވިއެވެ.

ޝަމީމަށް ތުހުމަތު ކުރާ ބައެއް މައްސަލަތަކުގެ ލިޔުންތައް ދިނުމަށް ކޮމިޓީން އެންގީ، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ޝަމީމު މިއަދު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އެ ލިޔުންތައް ހޯދުމަށް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެންބަރަކު ހުށަހެޅުއްވައި ތާއީދުކޮށް، ފާސްކުރުމާ ގުޅިގެންނެވެ.

އިއްޔެގެ ނިޔަލަށް އެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ޕީޖީ ޝަމީމު ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއަށް ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އެ ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވި، ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އޭގެ ތެެރެއިން ބައެއް ކަންތައް ނިންމާފައިވާ ގޮތުގެ ލިޔުންތައް ކޮމިޓީއަށް ލިބެންޖެހޭ ކަމަށެވެ. އެއީ ޝަމީމު ކޮމިޓީއަށް ހާޒިރުކުރާއިރު އެކަންކަމުގެ ހެކީގެ ގޮތުުގައި ބޭނުންކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަޒާދު ހޯދަން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް، އަލީ ވަހީދަށް ތުހުމަތުކުރި މައްސަލަ އަނބުރާ ގެންދިއުމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދެވި މައްސަލައާއި ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާ ގުޅޭ ލިޔުންތަކުގެ އިތުރުން ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަން ނިންމުމާއި ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅުއްވާ ކަމަށް ޝަމީމަށް ކުރާ ތުހުމަތުތަކާ ގުޅޭ ލިޔުންތައް ހިމެނެއެވެ.

ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި މިފަދަ ބޮޑެތި އަށް މައްސަަލައެއްގައި ޝަމީމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ ލިޔުންތައް ހޯދުމަށް ފަޒާދު ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. އޭނާ ވިދާޅުވީ، ޕީޖީ ކޮމިޓީއަށް ހާޒިރުކުރުުމުގެ ކުރިއަށް ބައެއް ހެކިތައް އެނގެން ބޭނުންވާ ކަމަށެވެ.