މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރުދިނުމަށް ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން މިރޭ ބުނެފިއެވެ.

މިފްކޯއިން ބުނީ ތިން ޓަނު ހިލޭ އައިސް ކޮންމެ ދޯންޏަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ.

"މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރުދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުންތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ވަނީ ނިންމައިފައެވެ..،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން މިމަހުގެ ފަސްވަނަ ދުވަހު ބުނެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މަސްވެރިކަން އަނެއްކާވެސް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.

އެފަހަރު މިފްކޯއިން ބުނެފައިވަނީ މާލެ ސަރަހައްދުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ، އެ ކުންފުނީގެ މަސްކިރާ ބޯޓު "ރަންދި 20" މާލެ ކައިރީގައި އޮންނާނެ ކަމަށެވެ. އަދި ތ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައި ކޮންމެވެސް ވަރަކަށް މަސްވެރިކަން ރަނގަޅު ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން މިމަހުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މުލަކު އަތޮޅުގައިވެސް މަސްވެރިކަން ރަނގަޅުވެފައިވާތީ ގއ. އަތޮޅުގައި އޮތް މިފްކޯގެ މަސްކިރާ ބޯޓު 'މަހާ ކަލަމިންޖާ' މުލަކު އަތޮޅަށް ދާން ފުރާފައިވާ ކަމަށެވެ.

މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މިދިޔަ ޖުލައި މަހު މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް އެއްކޮށް ހުސްވިއެވެ.