ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން އިންވެސްޓުކޮށްފައިވާ ކަމަށްބުނެ ދީފައިވާ އަދަދުތައް ދިމާނުވާކަން އޮޑިޓް އޮފީހުން ހެދި މުޅި ސަރުކާރުގެ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުން އެނގިއްޖެއެވެ.
އޮޑިޓް އޮފީހުން ވަނީ 2022 ވަނަ އަހަރުގެ ހަރަދުތަކުގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މާލީ ހިސާބުތައް ބަލަހައްޓާ ސިސްޓަމް ކަމަށްވާ ސެޕުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން، އޮޑިޓް އޮފީހަށް ފޯރުކޮށްދީފައިވާ އެސްޑީއެފްގެ ސްޓޭޓްމެންޓުތަކުން ދައްކަނީ އެ އަދަދު 3.2 ބިލިއަން ރުފިޔާއަށް ބޮޑުވެފައިވަނިކޮށް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެހާބޮޑު ތަފާތެއް އެ އަދަދަށް އައިސްފައިވާ ގޮތުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ފޯރުކޮށްދީފައިނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުންޏެވެ.
"އެ ތަފާތު ހުރުމުން ސޮވެރިން ފަންޑުގެ ފައިސާގެ އަދަދު ހުރި މިންވަރާއި އިންވެސްޓްކޮށްފައި ހުރި އަދަދުތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވެއެވެ..،" އޮޑިޓް އޮފީހުން ބުންޏެވެ.
އެހެންވެ އޮޑިޓް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ލަފާދީފައިވަނީ އެސްޑީއެފްއަށް އިންވެސްޓްކުރި ފައިސާގެ އަދަދަށް އެ ތަފާތު އައިސްފައިވާ ސަބަބު ބެލުމަށްފަހު، އެސްޑީއެފްގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެސްޑީއެފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. އެއީ ބޭރުގެ ދަރަނިތައް ދެއްކުމުގެ މަގުސަދުގައި އުފެއްދި ފަންޑެކެވެ.
އެ ފަންޑުގައި މިހާރު 50 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ އެބަހުރި ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި