މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވަމުންދާ ކަމަަށް ތުހުމަތުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި ބައެއް މައްސަލައާ ގުޅުން ހުރި ލިޔުންތައް ކޮމިޓީއަށް ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޕީޖީ އޮފީހަށް އަންގައިފިއެވެ.

އެގޮތަށް ކޮމިޓީން އެންގީ، އެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ޝަމީމު މާދަމާ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އެ ލިޔުންތައް ހޯދުމަށް ކޮމިޓީގެ މެންބަރަކު ހުށަހެޅުއްވައި ތާއީދުކޮށް، ފާސްކުރުމާއި ގުޅިގެންނެވެ.

މިއަދުގެ ނިޔަލަށް އެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ޕީޖީ ޝަމީމު ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއަށް ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އެ ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވި، ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އޭގެ ތެެރެއިން ބައެއް ކަންތައް ނިންމާފައިވާ ގޮތުގެ ލިޔުންތައް ކޮމިޓީއަށް ލިބެންޖެހޭ ކަމަށެވެ. އެއީ ޝަމީމު ކޮމިޓީއަށް ހާޒިރުކުރާއިރު އެކަންކަމުގެ ހެކީގެ ގޮތުުގައި ބޭނުންކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ފަޒާދު ހޯދަން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރި ކަމަށް، އަލީ ވަހީދަށް ތުހުމަތުކުރި މައްސަލަ އަނބުރާ ގެންދިއުމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދެވި މައްސަލައާއި ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާގުޅޭ ލިޔުންތަކުގެ އިތުރުން ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަން ނިންމުމާއި ޕީޖީ އޮފީހުގެ މުވައްޒަފުންނާމެދު ތަފާތުކުރުންތައް ގެންގުޅުއްވާ ކަމަށް ޝަމީމަށް ކުރާ ތުހުމަތުތަގާ ގުޅޭ ލިޔުންތައް ހިމެނެއެވެ.

ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި މިފަދަ ބޮޑެތި އަށް މައްސަައެއްގައި ޝަމީމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ ލިއުންތައް ހޯދުމަށް ފަޒާދު ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. އޭނާ ވިދާޅުވީ، ޕީޖީ ކޮމިޓީއަށް ހާޒިރުކުރުުމުގެ ކުރިއަށް ބައެއް ހެކިތައް އެނގެން ބޭނުވާ ކަމަށާއި އެހެންކަމުން މެންބަރު ފަޒާދު ހުށަހެޅި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށެވެ.

އެ ހުށަހެޅުން ކޮމިޓީން ފާސްކުރުމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ އެ ހުރިހާ ލިޔުންތައް މިއަދުގެ ނިޔަލަށް ކޮމިޓީއާ ހިއްސާކުރުމަށް ޕީޖީ އޮފީހަށް އަންގަވާނެ ކަމަށެވެ.