މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މެގަ ގްލޯބަލްއެއާ ސާވިސް (މޯލްޑިވިއަން) ޕްރައިވެޓް ލިމިޓެޑުން ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން އެގޮތަށް ފާސްކުރީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2014 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ހުރި އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމަށްފަހު އެކުލަވާލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ހިމަނާފައިވާ އެ ކޮމިޓީގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
އެ ރިޕޯޓްގައި ކޮމިޓީން ބުނެފައި ވަނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މޯލްޑިވިއަން އިން ލިބެންޖެހޭ ފައިސާގެ ތެރެއިން 533،132 ރުފިޔާ ލިބިފައިނުވާ ކަމަށެވެ. އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައްކޮށް، ފައިސާ ހޯދުމަށާއި އެކަމަށްކުރާ މަސައްކަތުން ފައިސާ ހޯދިފައިވާނަމަ ހޯދިފައިވާ މިންވަރު، ފައިސާ ހޯދިފައިނުވާނަމަ އޭގެ ތަފްސީލްތައް ކޮމިޓީއަށް ރިޕޯޓް ކުރުމަށް، އޮތޯރިޓީއަށް ދެންނެވުމަށްވެސް ކޮމިޓީން ފާސްކޮށްގެން ރިޕޯޓްގައި ހިމަނާފައިވެއެވެ.
ރާއާޖޭގެ އޭވިއޭޝަން ސޭފްޓީ މިންގަނޑު މަތިކުރުމަށާއި ރަނގަޅު މިންގަނޑެއްގައި އެކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުން ކަނޑައަޅާފައިވާ، ސިވިލް އޭވިއޭޝަން ފަންޑަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސްކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަދި ކުރިމަގުގައި އެ އޮތޯރިޓީ އޮޑިޓް ކުރާއިރު، އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން ފާހަގަކޮށްފައިވާ ކަންތައްތަކާ މެދު އިސްލާހީ ފިޔަވަޅު އަޅާފައިވާ މިންވަރާއި އިސްލާހު ކުރަން ދީފައިވާ ލަފަޔަށް އަމަލު ކޮށްފައިވާ މިންވަރު ބެލުމަށް އޮޑިޓާ ޖެނެރަލަށް އެންގުމަށް ވެސް ކޮމިޓީން ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު