ޓެކްސް އެޕީލް ޓްރައިބިއުނަލް ތެރޭގައި ގަނޫނާ ހިލާފު ކަންތައްތަކެއް ހިންގާކަން ފާހަގަކޮށް، އެތަނުގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ ބަލައިފައެވެ.

ޓްރައިބިއުނަލްގެ އެހެން މެންބަރުންގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވީ، ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއީލް ސާޖިދެވެ.

މައްސަލައިގެ ތަހުގީގަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ޓްރައިބިއުނަލްގެ ހަތަރު މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފިޔަވަޅުއެޅުމަށް ކޮމިޓީގެ ރެކޮމަންޑޭޝަންތަކެއް ހިމަނައި، އެ ކަންތައްތަކަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި އެ ކޮމިޓީގެ ރިޕޯޓް ވަނީ މަޖިލިސް ތަޅުމަށް ފޮނުފައިފައެވެ. ރިޕޯޓުގައިވާގޮތުން މައްސަލަ ތަހުގީގުކޮށް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވަނީ، އެ މައްސަލައިގެ ހުށަހެޅުންތަކާއި، ކޮމިޓީގެ މެންބަރުން ޓްރައިބިއުނަލަށް ވަޑައިގެން ބެއްލެވި ބެއްލެވުންތަކާއި، ޓްރައިބިއުނަލްގެ މެންބަރުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްގެން ލިބުނު މައުލޫމާތުތަކާއި، ކޮމިޓީން ބޭނުންވެގެން ހޯދި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

މައްސަލަ ހުށަހެޅި ސިޓީ އާއި ކޮމިޓީން ކުރި ތަހުގީގުތަކުން ގިނަ މައްސަލަތަކެއް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ބެންޗް ކަނޑައަޅާއިރު ފައިސާގެ ބޮޑެތި އަދަދު ހިމެނޭ މައްސަލަތަކުގައި އަބަދު އެއް ބަޔަކު ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގާކަމަށާއި، ޓްރައިބިއުނަލްގެ ރައީސަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބި، ކާރާއި ސައިކަލާއި އެޕާޓްމަންޓް ފަދަ މުދާ ހޯދަމުންދާކަމާއ،ި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަމުންދާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އޭގެ ތެެރެއިން އަމިއްލަ ދަތުރެއްގައި ތައިލެންޑަށް ވަޑައިގެން، ތައިލެންޑްގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ ސެންޓްރަލް ކޯޓުގެ ޗީފް ޖަޖާ ބައްދަލުކޮށްފައިވާ ކަމަށާއި، އެއީ އިޖުރާއަތް ފުރިހަމަ ނުވުމުގެ ސަބަބުން ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނިކޮށް، ލޯ ފާމަކަށް ފަހިވާގޮތަށް މައްސަލައެއް ބަލައިގަތުމަށް ނިންމުމުގެ މުގާބިލެއްގެ ހަދިޔާއެއްގެ ގޮތުން ލިބުނު ދަތުރެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ މެންބަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރާ އޮންނަ ގުޅުމުގެ ސަބަބުން ޓްރައިބިއުނަލަށް ބޭނުންވާ ބަޖެޓު ވަރަށް ފަސޭހައިން ލިބޭކަމަށާއ،ި 10 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން 12 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށާއ،ި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ކުއްޔަށް ހިފިއިރު ދައްކަން ޖެހޭކަމަށް ނެތް އެޑްވާންސް ފައިސާއެއް ދިނުމަށް، ބަލަންޖެހޭވަރަށް ނުބަލައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާތީ، ޓްރައިބިއުނަލްގެ ރަޖިސްޓްރާއަށް އެތަނުގެ ރައީސާއި ނައިބު ރައީސް، އެކިފަހަރުމަތިން އިންޒާރުދީފައިވާ ކަމަށް ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުން ފާހަގަވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުކަން ލިބުމުން ބައެއް މެންބަރުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާކަމާއި، ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ކަންކަން އިންތިހާއަށް އިތުރުވެފައިވާކަމަށް ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުން ފާހަގަކުރެވޭކަމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ.

ދައުލަތަށް މާލީގޮތުން ގެއްލުންވާގޮތަށް ޓްރައިބިއުނަލްގެ މެންބަރުން ކަންތައްތައް ކޮށްފައިވާކަން މި މައްސަލައިގެ ތަހުގީގުގައި ކޮމިޓީއަށް ފާހަގަވާކަމަށް ބުނެފައިވާއިރު އެކަންތައްތައް ބޮޑަށް ގުޅިފައިވަނީ ޓްރައިބިއުނަލް ހިންގަމުންދާ އިމާރާތާ ގުޅިގެންކަންވެސް ރިޕޯޓުގައި ފާހަކަ ކޮށްފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އޮފީސް އިމާރާތެއް ހޯދުމަށްޓަކައި އިއުލާންކުރުމުން، ޓްރައިބިއުނަލްގެ އޮފީސް މިހާރު ހިންގާ އިމާރާތަށްވުރެ އެތައްތަނެއް ހެޔޮ އަގުގައި އިމާރާތެއް ލިބުނު ނަމަވެސް އެތަން ދޫކޮށްލުމަށްފަހު، 48 ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުން 7000 އަކަފޫޓަށްވުރެ ބޮޑު އޮފީސް ޖާގައެއް ގ.މާގަހައިން ހޯދާފައިވާކަމަށާއ،ި އެތަނަކީ ޓެކްސް އެޕީލް ޓްރައިބިއުނަލް ހިންގަން ބޭނުންވާ ވަރަށްވުރެ ބޮޑު ޖާގައެއްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ގެޒެޓުކުރި އިއުލާންތަކާއި ކަމާބެހޭ މައުލޫމާތު ޝީޓުތަކާއި އެ އިމާރާތް ކުއްޔަށް ދިނުމާބެހޭ ފުރަތަމަ އެއްބަސްވުމާއި، ސޮއިކުރި އެއްބަސްވުމުގައި އެޑްވާންސް ފައިސާގެ ވާހަކަ ނުހިމެނޭކަމަށް، ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުން ފާހަގަކުރެވޭއިރު، އެ އިމާރާތް ހޯދާފައިވަނީ ފިނޭންސަށް ސައްހަނޫން މައުލޫމާތު ދީގެންކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އިތުރު ޖާގައެއް ބޭނުން ނުވާގޮތަށް، ޓްރައިބިއުނަލް މިހާރު ހިންގަމުން ގެންދާ އިމާރާތުގެ އެއް ފަންގިފިލާގައި، އެތަނުގެ މަސައްކަތް ކުރަމުންދަނިކޮށް، އިމާރާތުގެ ދެވަނަ ފަންގިފިލާއަކަށް ފައިސާ ދައްކަން ފެށިކަމަށާއ،ި ދެ ފަންގިފިލާއަށް މަހަކު ޖުމްލަ 350,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ޓްރައިބިއުނަލް ހިންގަމުންދާ އިމާރާތުގެ ދެ ފަންގިފިލާ ކުއްޔަށް ނަގާފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، މަހަކު 337,152 ރުފިޔާއަށްކަމަށް އެ ޓްރައިބިއުނަލްގެ ސިޓީއެއްގައި ބަޔާންކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ޓްރައިބިއުނަލް މިހާރު ހިންގަމުންދާ ގ.މާގަހައަކީ ޓްރައިބިއުނަލްގެ ނައިބު ރައީސާ، އާއިލީގޮތުން ވަރަށް ތިމާގެ ބޭފުޅެއްގެ ފިރިމީހާގެ އިމާރާތެއްކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ އިމާރާތަކީ، އެއް ފަންގިފިލާގައިވެސް ދަތިކަމެއްނެތި ޓްރައިބިއުނަލްގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެ އިމާރާތަކަށްވާއިރު ބޭނުން ނުކުރެވި ބޮޑު ޖާގައެއް، ހުސްކޮށް އޮތްކަން ކޮމިޓީ މެންބަރުން ޓްރައިބިއުނަލަށް ކުރި ޒިޔާރަތުން ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީ ރިޕޯޓްގައިވާގޮތުން ބޮޑު ޖާގައެއް އޮތް އެ ޓްރައިބިއުނަލްގެ ހިޔަރިންރޫމް ވޭތުގެދިޔަ ދެ އަހަރުގެ ތެރޭގައި ބޭނުންކޮށްފައެއް ނުވެއެވެ.

ހިޔަރިން ރޫމް ބޭނުންކުރަން ޓްރައިބިއުނަލްގެ ރައީސް އެންގެވީ، ކޮމިޓީން މައްސަލަ ދިރާސާކުރާކަން އެންގުމުން، މިދިޔަ ޖުލައި މަހުގެ މެދުތެރޭގައި ކަމަަށާއި، ނަމަވެސް އެ ރޫމަށް ސައުންޑް ސިސްޓަމާއ،ި ބޮޑު ޓީވީ ސްކްރީން ފަދަ ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުން މިނިސްޓްރީން ރިޖެކްޓްކޮށްފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޓްރައިބިއުނަލް މުވައްޒަފުންގެ ގަވާއިދާ ގުޅިގެން ވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން މުވައްޒަފުންގެ ގަވާއިދެއް އޮއްވައ،ި 74,000 ރުފިޔާ ދީގެން ފޭކް ގަވާއިދެއް ހެދުމަށްފަހު، ޓްރައިބިއުނަލްގެ ސެކްޝަންތަކުގެ އިސްވެރިން ލައްވައި، އޭރު އަމަލުކުރަމުންދިޔަ ގަވާއިދު އިސްލާހުކޮށް މެންބަރުންނަށް އޮޅުވާލައިގެން، އިސްލާހުކުރި ގަވާއިދަކީ 74,000 ރުފިޔާއަށް ބަޔަކު ލައްވައި ކުރުވި މަސައްކަތެއްކަމަށް ދައްކާފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޓްރައިބިއުނަލްގައި ބޭނުންކުރަމުންދިޔަ ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ބޭނުން ނުކުރެވޭކަމަށް ބުނެ އާ ސިސްޓަމްތަކެއް ހޯދުމަށްފަހު، ކުރިން ބޭނުންކުރި 18 ކޮމްޕިއުޓަ ސިސްޓަމް ނީލަމުގައި 3000 ރުފިޔާއަށް ވިއްކާލާފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ތުހުމަތު ކޮށްފައިވާއިރު، ކުރިން ބޭނުންކުރި އިމާރާތުގެ ހިއަރިން ރޫމްގައި ބޭނުންކުރި ސައުންޑް ސިސްޓަމާއ،ި 13 ކޮމްޕިއުޓަރު ސިސްޓަމާއ،ި ޓްރައިބިއުނަލްގެ މެންބަރުންގެ ކޮޓަރިތަކުން ނެގި ފަސް ޕްރިންޓަރާއ،ި ރިޕެއާކުރެވެން ހުރި ބޮޑު ފޮޓޯކޮޕީ މެޝިނަކާއި ހަލާކުވެފައިހުރި މެޝިނެއް 5000 ރުފިޔާއަށް ނީލަމުގައި ވިއްކާލާފައިވާކަން ވެސް ފާހަގަަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ފައިސާ ހަރަދުކޮށްގެން އޮންލައިން ސެމިނާ، ކޯސް ނުވަތަ ވޯކްޝޮޕްތަކަށް ބައިވެރިވުމަށްފަހު، އަމަލީގޮތުން އެކަންކަމުގައި ބައިވެރި ނުވާކަމާއ،ި ބޭކާރު ގޮތުގައި ފައިސާ ހަރަދުކުރާކަން ފާހަގަވެފައިވާ ކަމަށާއި، މުޅި އޮފީހުގައި ޕާކޭ ޖަހާފައިވަނިކޮށް ޓްރައިބިއުނަލްގެ ބަޖެޓް ހުސްކުރުމުގެ ބޭނުމުގައ،ި ކާޕެޓް އެޅުމަށް ޓްރައިބިއުނަލްގެ ރައީސް މަޖުބޫރުކުރަމުންދާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. ޓްރައިބިއުނަލްގެ ބަޖެޓުން، ބައެއް މެންބަރުންގެ ކޮފީ އާއި ބިސްކޯދު ހޯދަމުންދާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މެންބަރުންގެ ހާޒިރީގެ މައުލޫމާތު އޮޅުވާލާކަމަށް ތުހުމަތުކޮށް ކޮމިޓީ ރިޕޯޓުގައި ވަނީ ޓްރައިބިއުނަލްގެ މެންބަރުން އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަކީ ހެނދުނު 09:00 ގެ ކުރިންކަމަށް އުސޫލު ހަމަޖެއްސި ނަމަވެސ، އެ އުސޫލުގެ ބޭރުން، މެންބަރުން އޮފީހަށް ހާޒިރުވާންޖެހޭ ގަޑިއަކީ ހެނދުނު 11:00 ގެ ކުރިންކަމަށް އެޗްއާރް ސިސްޓަމްގައި ރެކޯޑުކޮށްފައިވާކަމަށާއ،ި އެކަމުގެ ސަބަބުން 09:00 ގެ ފަހުން މެންބަރުން އޮފީހަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް ގަޑި ޖެހުނުކަމަށް ބަލަނީ 11:00 ގެ ފަހުން ހާޒިރުވެވަޑައިގަތުމުންކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ އިދާރީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޓްރައިބިއުނަލްގެ ރައީސް އެތަނުގެ އިދާރީ ހުރިހާ މަސައްކަތްތަކެއްގައި ގޮތް ނިންމަވަމުން ގެންދަވާކަމަށް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި، ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރި މަގުސަދުކަމަށްވާ، މައްސަލަތައް ބެލުމުގެ ބަދަލުގައ،ި ޓްރައިބިއުނަލްގެ އިދާރީ ކަންކަން ހިންގުމުގައި މެންބަރުން އަވަދިނެތި އުޅޭއިރު، ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ، އެތައް މައްސަލަތަކެއް ޓްރައިބިއުނަލްގައި ނުނިމި ހުރިކަމަށް ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުން ފާހަގަވާކަމަށްވެސް ބުނެފައިވެއެވެ.

އެކަންކަމުގެ ތެރޭގައި އެތަނުގެ ސީނިއާ މެނޭޖްމަންޓް ކޮމިޓީއަކީ ސެކްޝަންތަކުގެ އިސްވެރިން ހިމެނޭގޮތަށް އެކުލަވާލާ ކޮމިޓީއެއް ނަމަވެސް އެ ކޮމިޓީގެ ރައީސްގެ ގޮތުގައި ނޫންނަމަވެސް ޓްރައިބިއުނަލްގެ ރައީސް ކޮމިޓީގައި އިންނެވުމުން، ރައީސާ ދެކޮޅަށް ވޯޓުދިނުމަށް އެ ކޮމިޓީގެ އެހެން މެންބަރުން ފަސްޖެހޭތީ، އެއީ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ލީގަލް އަދި އިވެލުއޭޝަން މަސައްކަތްތަކުގެ ހުރިހާ ބާރެއް ޓްރައިބިއުނަލްގެ ނައިބު ރައީސަށް އޮތްކަމުގެ ތުހުމަތުވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން ނައިބު ރައީސްގެ މަސްލަހަތު ފުށުއަރާ ބައެއް މައްސަލަތަކުގައި، އެއީ ތަނާޒުލުވާން ޖެހޭ މައްސަލައެއްކަން އެނގެނީ އެންމެ ފަހު އަޑުއެހުމާ ހަމައިން ކަމަށާއި، އޭރު އޮންނާނީ މައްސަލައިގެ އަޑުއެހުންތައް ނިމި ރައުޔުތައްވެސް ތައްޔާރުކޮށްފައިކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ބަލާ ބެންޗް އެކުލަވައިލުމުގައި ވެސް ޓްރައިބިއުނަލްގެ ރައީސަށް ކޮމިޓީ ރިޕޯޓްގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

"ޓްރައިބިއުނަލަށް ހުށަހެޅިފައިވާ 108 މައްސަލައިގެ ތެރެއިން 94 މައްސަލައިގެ ބެންޗްގައި އެ ޓްރައިބިއުނަލްގެ މެންބަރު އަހްމަދު އަޝްރަފް ހިމެނޭއިރ،ު ޓްރައިބިއުނަލްގެ ރައީސް 84 މައްސަލައިގެ ބެންޗްގައި ހިމެނޭ، އަދި ޓްރައިބިއުނަލްގެ ނައިބު ރައީސް އާއި މެންބަރު އިސްމާއީލް ސާޖިދު 60 މައްސަލައިގެ ބެންޗްގައި ހިމެނޭއިރ،ު މެންބަރު ހަދީޖާ ނައީމް ހިމެނެނީ އެންމެ 32 މައްސަލައިގެ ބެންޗްގަ، ކޮމިޓީން ލިޔުމުން ހޯދާފައިވާ މައުލޫމާތަށް ބަލާއިރ،ު ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސާއި މެންބަރު އަހްމަދު އަޝްރަފް އެކުގައި 18 މައްސަލައެއްގެ ބެންޗުގައި ހިމެނޭކަން ކޮމިޓީއަށް ފާހަގަކުރެވިފައިވޭ، މީގެ އިތުރުން، ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ނުހިމެނޭ ގޮތަށް، ޓްރައިބިއުނަލްގެ މެންބަރު އަހްމަދު އަޝްރަފްއާއި މެންބަރު ހަދީޖާ ނައީމްއާއި މެންބަރު އިސްމާއީލް ސާޖިދު އެކުގައި ހިމެނެނީ އެންމެ ދެ މައްސަލައިގެ ބެންޗުގައިކަން ކޮމިޓީއަށް ފާހަގަކުރެވިފައިވޭ،"

ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައްސަލަތައް ޓްރައިބިއުނަލުން ނުނިންމާކަން ވެސް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

"ޓްރައިބިއުނަލްގައި 29 މެއި 2024 ގެ ނިޔަލަށް އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 44 މައްސަލަ ނުނިމޭކަމަށާއި، އޭގެ ތެރެއިން 31 މައްސަލައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ 44 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ 180 ދުވަހުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ މައްސަލަކަމާއި އެ މުއްދަތު ފަހަނައަޅައި ދިއުމުން މުއްދަތު އިތުރުކުރުމަށް ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާފައި ނުވާކަމަށް ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ތުހުމަތުކޮށްފައިވޭ،"

މީގެ އިތުރުން މުވައްޒަފުންނަށް ދަތިކޮށް، ފުރައްސާރަކުރާ ކަމަށާއި، ރަޖިސްޓްރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބާރު ކަނޑުވާލުމުގެ ގިނަ ތުމަތުތަކެއްވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު، ނިންމުންތަކެއް ފާސްކޮށް އެކަންކަން ކުރިއަށް ގެންދަން ރެކޮމެންޑޭޝަންތަކެއް، ކޮމިޓީން ވަނީ ރިޕޯޓުގައި ހިމަނައިފައެވެ.

މި މައްސަލަތަކާ ގުޅިގެން ޓްރައިބިއުނަލްގެ މެންބަރުންނާ ސުވާލު ކުރީ އެ މެންބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރު ކޮށްގެންނެވެ.

ތައިލެންޑްގެ ޓެކްސް ކޯޓުގެ އިސްފަރާތާ ބައްދަލު ކުރެއްވި ދަތުރާ ބެހޭގޮތުން ޓްރައިބިއުނަލްގެ ރައީސް ވިދާޅުވީ، ތައިލެންޑަށް ވަޑައިގަތުމުގެ ކުރިން އެފަރާތާ ބައްދަލުކުރުމަށް ފޮރިން މިނިސްޓްރީގެ ފޯކަލް ޕޮއިންޓާ ކޮމިއުނިކޭޓް ކުރެއްވި ނަމަވެސް އެ ގައުމަށް ވަޑައިގެންނެވިއިރު އެ ބައްދަލުވުން ހަމަޖެހިފައިވާކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން އެ ދަތުރުގައި ވަޑައިގެންނެވިއިރު ޓްރައިބިއުނަލްގެ އެހެން މެންބަރުންނާ އެ ވާހަކަ ހިއްސާކުރައްވާފައި ނުވާނެކަމަށާއި އެ ބައްދަލުވުން ހަމަޖެހުނީ ތައިލެންޑަށް ވަޑައިގަތް ފަހުންކަމަށްވެސް ވިދާޅުވިއެވެ.

ތައިލެންޑްގެ ޓެކްސް ކޯޓުގެ އިސް ފަރާތާ ބައްދަލުކުރެއްވުމަކީ، އިހުތިރާމްގެ ޒިޔާރަތެއްކަމަށާއި އެ ބައްދަލުވުމުގައި 2021 ވަނަ އަހަރު އެ އެކޯޓުގެ ފަރާތުން ޓްރައިބިއުނަލަށް ލިބިފައިވާ ސްޓަޑީ ޓުއާ ކޮވިޑްގެ ހާލަތާ ގުޅިގެން ފަސްކޮށްފައިވާތީ އެކަމާ މަޝްވަރާކުރެއްވިކަމަށް ވެސް ވިދާޅުވިއެވެ.

ޓްރައިބިއުނަލަށް އިމާރާތުގެ މައްސަލައިގައި ރައީސް ވިދާޅުވީ، އެ އިމާރާތް ހޯދުމާއި އިމާރާތް ނެގުމާއި އެއްބަސްވުމުގެ ކަންކަން ކޮށްފައިވަނީ އެ ބޭފުޅުންގެ ކުރިން އޮތް، ޓްރައިބިއުނަލްގެ ދެވަނަ ދައުރުގެ މެންބަރުންކަމަށާއި ތިންވަނަ ދައުރުގެ މެންބަރުން މަގާމާ ހަވާލުވިއިރު މިހާރު ޓްރައިބިއުނަލް ހިންގަމުންދާ އިމާރާތުގެ ދެ ފްލޯ ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

ނަމަވެސް ޓްރައިބިއުނަލްގެ އިމާރާތަށް ވަރަށް ބޮޑު ކުއްޔެއް ދައްކަންޖެހޭކަމަށާއި އެތަނުގެ ބަޖެޓުގެ ވަރަށް ބޮޑު ޕަސެންޓެއް އިމާރާތުގެ ކުލިދެއްކުމަށް ހަރަދު ކުރަންޖެހޭކަމަށް ރައީސްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި އެ ދެ ފްލޯ ކުއްޔަށް ނަގާފައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށްވެސް ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ، ޓްރައިބިއުނަލްގެ މަސައްކަތް އެއް ފްލޯގައި މެނޭޖް ނުކުރެވެނީ ނޫންކަމަށާއ،ި ދެ ފްލޯ ނަގަން ޖެހުނީ ދެ ފަރާތުން ސޮއިކޮށްފައިއޮތް އެއްބަސްވުމުގެ ސަބަބުން، ދެ ފަރާތުގެ މައްޗަށް ލާޒިމުވާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

ޓްރައިބިއުނަލް މިހާރު ހިގަމުންދާ އިމާރާތަކީ، އެތަަނަށް ބޭނުންވާ ވަރަށްވުރެ ބޮޑު އަދި އަގުބޮޑު ތަނެއްކަން ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ކޮމިޓީގައި ފާހަގަކުރައްވާފައިވާއިރު، ގ.މާގަހައަކީ ޓްރައިބިއުނަލްގެ އެއްވެސް މެންބަރަކާ ގުޅުމެއް އޮތް މީހެއްގެ އިމާރާތެއްކަން އެނގިފައި ނުވާކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެ އިމާރާތުގެ ވެރިފަރާތަކީ އާއިލާއާ ކޮންމެވެސް ގުޅުމެއް އޮންނަ މީހެއްކަމަށް އެނގިފައިވާކަމަށާއި އެކަން ގަބޫލު ކުރެވެނީ ކުޑައިރު ބައްދަލުވެފައި ހުރުމުން ކަމަށް ޓްރައިބިއުނަލްގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ. އަދި މައްސަލަތައް ނިންމުމަށް ބާއްވާ އަޑުއެހުންތައް ހިއަރިން ރޫމްގައި ބާއްވަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ކަމަށް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޓްރައިބިއުނަލްގެ މެންބަރުންގެ ހާޒިރީގެ މައްސަލައިގައި އެތަނުގެ ރައީސް ވިދާޅުވީ، ހެނދުނު 09:00 ގެ ކުރިން ހާޒިރުވުމަށް ސަމާލުކަންދިނުމަށް މެންބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމާފައިވާކަމަށާއ،ި 11:00 ގެ ފަހުން މެންބަރުން ގަޑިޖެހޭގޮތަށް ސިސްޓަމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި އެއީ ކުރީއްސުރެ އޮންނަ ގޮތްކަމަށެވެ.

ޓްރައިބިއުނަލްގެ ރައީސަށް އަދި ނައިބު ރައީސަށް ރިޝްވަތުގެ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށް އެ ދެބޭފުޅުން ކޮމިޓީގައި ވިދާޅުވެފައިވާއިރު، ޓްރައިބިއުނަލްގެ އެއްވެސް މެންބަރަކު ރިޝްވަތުގެ ހުށަހެޅުމެއް ގަބޫލުކުރާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިންގާކަން ޓްރައިބިއުނަލްގެ މެންބަރު އަހްމަދު އަޝްރަފް އަދި ހަދީޖާ ނައީމަށް ފާހަގަވެފައި ނުވާކަމަށް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަންކުރަމުންދާކަމުގެ ޝަކުވާ މެންބަރު އިސްމާއީލް ސާޖިދު ހިއްސާކުރައްވާ ކަމަށާއި ނަމަވެސް އެކަންކަމުގެ ތަފުސީލު އެނގިވަޑައިނުގަންނަވާކަމަށް މެންބަރު ހަދީޖާ ނައީމް ކޮމިޓީގައި ވިދާޅުވިއެވެ. ނަމަވެސް ބެންޗު އެކުލަވާލުމުގެ ކަންތަކުގައި، ޓްރައިބިއުނަލްގެ ގަވާއިދުގައިވާ ގޮތުގެމަތިން މައްސަލައިގެ ބެންޗުގައި ހިމެނޭ މެންބަރުންގެ ނަންތައް ހުށަހަޅުއްވާނީ ޓްރައިބިއުނަލްގެ ރައީސްކަމަށާއ،ި އެކަމަށް އިއުތިރާޒުކުރުމުގެ ފުރުސަތު އޮންނަކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ބެންޗް ކަނޑައެޅިގެންދަނީ މެންބަރުންގެ ވޯޓުންކަމަށް ޓްރައިބިއުނަލްގެ މެންބަރު އަހްމަދު އަޝްރަފް ކޮމިޓީއަށް މައުލޫމާތު ދެއްވާފައިވާއިރު، މެންބަރު ހަދީޖާ ވެސް ބަނީ އެގޮތަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ބައެއް މެންބަރުން ގިނަ މައްސަލަތަކުގެ ބެންޗްގައި ހިމެނިދާނެކަމުގެ އަންޑަސްޓޭންޑިންއެއް އޮންނަކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ބެންޗުގައި ޓްރައިބިއުނަލްގެ ރައީސް ހިމެނޭނަމަ އެ ބެންޗްގެ ރިޔާސަތުގައި އިންނަވާނީ ޓްރައިބިއުނަލްގެ ރައީސްކަމަށާއ،ި ރައީސް ނުހިމެނި ނައިބު ރައީސް ހިމެނޭ ބެންޗެއްނަމަ، ރިޔާސަތުގައި އިންނަވަނީ ނައިބު ރައީސްކަމަށާއ،ި ބެންޗްގައި ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ނުހިމެނޭނަމަ ބެންޗްގެ ރިޔާސަތު ކަނޑައަޅާނީ ބެންޗްގައި ހިމެނޭ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށް ވެސް އޭނާ މައުލޫމާތުދެއްވިއެވެ.

މެންބަރުން އޮފީހަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮންނަ ވަގުތާ ބެހޭގޮތުން މެންބަރު އިސްމާއީލް ސާޖިދު ވިދާޅުވީ 09:00 ގެ ފަހުން ބައެއް ފަހަރު އޮފީހަށް ހާޒިރުވިކަމުގައިވީ ނަމަވެސް، އެ މެންބަރުން ވަރަށް ލަސްވަންދެން މަސައްކަތްކުރައްވާ ކަމަށާއ،ި ގަޑިޖެހުމުން މުސާރައިން ކެނޑޭގޮތަށް ނޯންނަ ކަމަށެވެ.

ކޮމެޓީން ކުރި ސުވާލުތަކަށް އެހެން މެންބަރުންވެސް ވަނީ ޖަވާބު ދެއްވައިފައެވެ.

  • މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށާއ،ި ނުޙައްގު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވާ މެންބަރުންގެ މައްސަލަ ތަހުގީގުކުރަން އޭސީސީއަށް ހުށަހެޅުން
  • ޓްރައިބިއުނަލް ހިންގާ އިމާރާތަކީ، އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީގޮތުން ވާ ގެއްލުން ކުޑަކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން
  • ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗް ކަނޑައެޅުމަށާއ،ި ބެންޗްގެ ރިޔާސަތު ކަނޑައެޅުމަށް، ގަވާއިދުގެދަށުން ރައީސަށް ފުރުސަތު އޮތުމުން، އިންސާފުވެރިކޮށް މައްސަލައެއް ބެލިގެންދާނެކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތުމުން ޝަރުއީ ކޯޓުތަކުގައިވެސް އޮންނަ ގޮތަށް، ކަނޑައަޅާފައިވާ ވަކި ތަރުތީބަކުން މައްސަލަތަކުގެ ބެންޗް ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް ގަވާއިދު އިސްލާހުކުރުން
  • ޓްރައިބިއުނަލްގެ މެންބަރުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީ، ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލު އާއ،ި މެންބަރު އަހްމަދު އަޝްރަފްއާއ،ި ހަދީޖާ ނައީމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން

އެހެންކަމުން ކޮމިޓީން ނިންމާފައި މިވަނީ، ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރެއިން މައްސަލަ ހުށަހެޅުއްވި އިސްމާއީލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުން ވަކިކުރުމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ.