ރޫސީ ވިލާތުގެ ވެރިރަށް މޮސްކޯގައި ހުންނަ ސެއިންޓް ވަސިލީގެ ބޮޑުފައްޅި އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފައްޅިއެވެ. ރީތިކަމަށް ވެސް އެންމެ މަޝްހޫރު އެއް ފައްޅިއެވެ. މި ލިޔުމާ އެކުގައި ވާ އެ ފައްޅީގެ ތަސްވީރަށް ބައްލަވައިލައްވާށެވެ! ފާހަގަ ކުރެއްވެވޭނެ އެއް ކަމަކީ، ޢާއްމުކޮށް ޔޫރަޕާއި ނަޞާރާ އެހެނިހެން ސަރަޙައްދުތަކުން ފެންނަ ފައްޅިތަކާ އެ ފައްޅި ތަފާތުކަމެވެ. ނަޞާރާ ފައްޅިތަކުން ޢާއްމުކޮށް ފެންނަ ފަރުމާ ވައްޓަފާޅިއަށް ވުރެ ބޮޑަށް، މުސްލިމުންގެ މިސްކިތްތަކުގެ ބިނާފަރުމާއާ އެއްގޮތް ކަންތައްތަކެއް އެ ފައްޅީގައި ހުރިކަމެވެ. ފައްޅީގެ ފަރުމާގެ މައިގަނޑަކަށް ފެންނަނީ މުސްލިމުންގެ މިސްކިތްތަކުގައި ހުންނަ މުންނާރުތަކާ ވައްތަރު ގޮތެއް ހުންނަ، ކުރީގައި ގުއްބުތައް ލައިފައި ހުންނަ ބައިތަކެކެވެ. ޒާތެއްގެ މުންނާރުތަކެއް ކަހަލަ ބައިތަކެކެވެ. އެއީ ކީއްވެގެން ބާވައެވެ! ދުނިޔޭގައި ހުރި ނަޞާރާއިންގެ އެންމެ ބޮޑު، އެންމެ މަޝްހޫރު، އެންމެ ރީތި އެއް ފައްޅީގައި މިސްކިތަކާ ވައްތަރު ގޮތެއް ހުރުމުގެ ސަބަބަކީ ކޮބައިބާވައެވެ!

މި ވާހަކަ ފަށާން ޖެހެނީ ރޫސީ ރަސްކަމުގެ ތާރީޚުގެ އެންމެ މަޝްހޫރު އެއް ޝަޚްޞިއްޔަތު ކަމުގައި ވާ "އައިވަން ދަ ޓެރިބަލް" އާ ހަމައިންނެވެ.

އައިވަން ހަތަރުވަނަ ވަސިލިޔެވިޗަކީ ރޫސީ ރަސްކަމުގެ ތަޚުތުގައި 1533 ވަނަ އަހަރުން ފެށިގެން 1584 ވަނަ އަހަރާ ހަމަޔަށް ރެދަލި ކުރެއްވި ބެއިފުޅެކެވެ. ރޫސީ ރަސްކަން، މެދު ޒަމާނުގެ ބޯދާ ރަސްކަމަކުން ޔޫރަޕުގެ ބޮޑެތި ދައުލަތްތަކާ ވަރުން އަޅައިލެވޭ ވަރުގެ ބާރަކަށް ބަދަލު ކޮށްލުމުގެ މޭސްތިރިއަކީ އޭނާއެވެ. އޭނާގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމެވެ. އެ ހަނގުރާމަތަކުގައި، އޭނާ މެދުތެރޭ އޭޝިޔާގައި އޮތް އިސްލާމީ އެތައް ބިމެއް އަތުލައިގަންނަވައި ރޫސީންގެ ނަޞާރާ ދައުލަތުގެ ސަރަޙައްދާ އެއް ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބިމަކީ ކާޒާނެވެ. ވަރުގަދަ ލަޝްކަރަކާއިގެން ވަޑައިގެން އޭނާ ކާޒާން ޝަހަރު ފަތަޙަ ކުރެއްވީ 1552 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ މައްސަރަކަށް ވުރެ ދިގު މުއްދަތެއްގެ ޙިޞާރަކަށް ފަހުގައެވެ.

ތާރީޚުގައި ޢާއްމުކޮށް ކަން ހިނގައިފައި ވާ ފަދައިން، ނަޞާރާ ރޫސީން ކާޒާން ފަތަޙަ ކުރުމަށް ފަހު، ޝަހަރުގެ މުސްލިމް އާބާދީގެ ބޮޑުބައެއް ކަތިލައި ހުސް ކުރީއެވެ. އަދި ޝަހަރުގެ ބިނާތަކާއި ޢިމާރާތްތައް ވެސް މުޅީންހެން އަންދައި ތަޅައި ސުންނާފަތި ކޮށްލީއެވެ. އެޔަށްފަހު ކާޒާން މުލޫކިއްޔާގެ ބިޔަ ސަރަޙައްދު ވެސް ރޫސީ ރަސްކަމުގެ ދަށަށް ގެނެވުނެވެ.

އައިވަން ދަ ޓެރިބަލް ކާޒާން ޝަހަރު ފަތަޙަ ކުރެއްވި އިރު، އެ ޝަހަރުގައި ހުރި އެންމެ މުހިއްމު އެއް ޢިމާރާތަކީ މަސްޖިދު ޤޫލް ޝަރީފެވެ. އެއީ މުސްލިމް ކާޒާނުގެ އެންމެ ބޮޑު މިސްކިތެވެ. އެ މިސްކިތް ޢިމާރާތް ކުރެވުނު ތާރީޚު އެނގޭކަށެއް ނެތެވެ. އެނގޭ ވަރަކީ، މިސްކިތް ބިނާ ކުރެވުނީ މީލާދީން ސޯޅަވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރުތަކުގައި ކަމެވެ. މިސްކިތުގެ ނަން ނިސްބަތް ކުރެވޭ ސައްޔިދު ޤޫލް ޝަރީފަކީ ކާޒާނުގެ ވަރަށް ބޮޑު އިސްލާމީ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ ލީޑަރެކެވެ. ޢިލްމު ފެތުރުއްވެވި މުރައްބީއެކެވެ. މަސްޖިދް ޤޫލް ޝަރީފްގެ އިމާމުކަން ވެސް އޭނާ ކުރެއްވިއެވެ. އައިވަން ދަ ޓެރިބަލްގެ ލަޝްކަރު ކާޒާނަށް ޙަމަލަ ދިން އިރު ވެސް، ޤޫލް ޝަރީފް މިސްކިތުގެ އިމާމަކީ އޭނާއެވެ. ހަނގުރާމައިގެ މައިދާނާ ދުރުން ޙިމާޔަތާއި ރައްކައުތެރިކަން ހޯއްދެވުމުގެ ބަދަލުގައި، އޭނާ އިޚްތިޔާރު ކުރެއްވީ ރޫނީ ނަޞާރާއިންނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގެ މަގެވެ. އޭނާ ޝަހީދު ވެވަޑައިގަތީ ޤޫލް ޝަރީފް މިސްކިތުގެ ފުރާޅުމަތީގައި ތިބެގެން ރޫސީންނާ ދެކޮޅަށް ދިފާޢީ ޙަމަލަތައް ދެމުން ގެންދިޔަ މުސްލިމް މުޖާހިދުންގެ ޖަމާޢަތަކާ އެކު ޖިހާދުގައި ހުންނަވަނިކޮށެވެ. އޭނާގެ އަރިޔަހުގައި ޤާއިމު ވެތިބި މުޖާހިދުންގެ ގިނަ މީހުންނަކީ އޭނާގެ އަރިޔަހުން ދީނުގެ ޢިލްމުތައް ދަސް ކުރަމުން ގެންދިޔަ ދަރިވަރުންނެވެ.

މަސްޖިދް ޤޫލް ޝަރީފަކީ ސޯޅަވަނަ ޤަރުނުގެ ބިނާފަރުމާގެ ޢަޖާއިބެއް ފަދަ ރިވެތި އަދި ބޮޑު މިސްކިތެކެވެ. މިސްކިތުގެ ޢިމާރާތް ހުރީ ފަސް ބުރިޔަށެވެ. ނަމާދު ކުރާ ބައެއްގެ އިތުރުން، ވަރަށް ބޮޑު ކުތުބުޚާނާއެއް ވެސް އެތަނުގައި ހުއްޓެވެ. މިސްކިތުގެ އެންމެ މުހިއްމު އެއް ބަޔަކީ ދުނިޔޭގެ އެކި ދިމަދިމާޔަށް މޫނު ހުންނަ ގޮތަށް ހަދައިފައި ހުރި އަށް މުންނާރެވެ. އެ މުންނާރުތައް ހުރި ގޮތުގެ ތަފްޞީލުތައް އަންގައިދޭ ރިކޯޑެއް ވެސް ނެތެވެ. ނަމަވެސް، އެ މުންނާރުތައް ހުރީ ޢާއްމުކޮށް އަޅުގަނޑުމެންނަށް މިސްކިތްތަކުން ފެންނަ މުންނާރުތަކާ ތަފާތުކޮށެވެ. ކޮންމެ މުންނާރެއްގެ ކުރީގައި ހުރީ ގުއްބެކެވެ. ގުއްބުތަކުގެ ބޮޑުމިން ތަފާތު ވެފައި، ކޮންމެ ގުއްބެއްގައި ހުރީ ވެސް ތަފާތު އެކި ކުލަތަކުގެ ފަރުމާއެކެވެ.

ކާޒާން ފަތަޙަ ކުރެއްވުމަށް ފަހު ޝަހަރަށް އަރައިވަޑައިގެން ޝަހަރުގެ ތަންތަން ބެއްލެވުމުގައި، އައިވަން ދަ ޓެރިބްލްގެ ސަމާލުކަން އެންމެ ބޮޑަށް ދޫ ކުރެއްވެވުނީ މަސްޖިދު ޤޫލް ޝަރީފުގެ ޢިމާރާތަށެވެ. އެތަނުގެ ބިޔަކަމާއި، ރިވެތިކަމާއި، ފުރިހަމަކަން ދެކެވަޑައިގެން އޭނާ ޢަޖާއިބު ވެވަޑައިގަތެވެ. އޭނާ އަމުރުފުޅު ކުރެއްވީ އެ މިސްކިތުގެ ބައިތަކުގެ ތެރެއިން، ހަލާކު ނުކޮށް ރޫޅައިލައިގެން ނެގޭން ހުރި ބައިތައް ނެގުމަށް ފަހު، ޢިމާރާތުގައި ބާކީ ހުރި ބައިތައް ތަޅައި ސުންނާފަތި ކޮށް އަންދައިލުމަށެވެ. ރޫސީ ނަޞާރާ ސިފައިން ޢަމަލު ކުރީ އެގޮތަށެވެ. ހަމައެކަނި މަސްޖިދު ޤޫލް ޝަރީފެއް ނޫނެވެ. ކާޒާނުގައި ދެން ހުރި މިސްކިތްތަކާއި މުސްލިމުންގެ މަދަރުސާތައް ފަދަ އެންމެހައި ޢިމާރާތްތައް ވެސް ސުންނާފަތި ކޮށް އަންދައި ނެއްތައިލީއެވެ. އެއިން ކޮންމެ ޢިމާރާތެއްގެ ބަދަލުގައި ދެން ބިނާ ކުރެވުނީ ނަޞާރާ ފައްޅިތަކާއި ޚާނަގާހުތައް ފަދަ ތަންތަނެވެ.

އައިވަން ދަ ޓެރިބްލްގެ އަމުރުފުޅާ އެއްގޮތަށް، މަސްޖިދް ޤޫލް ޝަރީފްގެ ރީތި ޢިމާރާތުގައި ހަލާކު ނުކޮށް ނެގޭން ހުރި ހުރިހައި ބައިތަކެއް ނެގުނެވެ. އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރި ވީ، ކާޒާނާއި އަސްތަރްޚާނުގެ ތާތާރީ މުސްލިމް ބިނާވެރީންނާއި މޭސްތިރީންގެ ތެރެއިން ރޫސީންގެ އަތްދަށުގައި ހައްޔަރު ކުރެވި ޤައިދު ކުރެވިފައި ތިބި މީހުންނެވެ. މިސްކިތުގެ ބައިތައް ނެގުމަށް ފަހު، އެ ބައިތައް މޮސްކޯއަށް ގެންދެވުނީ ގެރިގާޑިޔާތަކުގައެވެ. އެކަން ކުރެވުނު ގޮތުގެ ތަފްޞީލުތައް ތާރީޚީ ރިކޯޑުތަކުގެ ސިފައިގައި ފެންނާކަށް ނެތެވެ. ނަމަވެސް ކާޒާންގެ މުސްލިމުންގެ ތެރޭގައި ދޫދޫމަތީން ރިވާ ކުރެވެމުން އައިސްފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި، މިސްކިތުގެ ގިނަ ބައިތައް މޮސްކޯއަށް ގެންދެވުނެވެ. އޭގެ ތެރޭގައި މިސްކިތުގެ މައިގަނޑު ބައިތައް ބިނާ ކޮށްފައި ހުރި ކުރެހުން އެޅި ސަންގުމަރުމަރު ހިލަތަކާއި، މުންނާރުތަކާއި ގުއްބުތަކުގެ ބައިތަކާއި، އެތެރޭގެ ފަރުމާގައި ބޭނުން ކޮށްފައި ހުރި ލަކުޑި ބައިތައް ވެސް ހިމެނެއެވެ.

މިސްކިތުގެ ބައިތައް މޮސްކޯއަށް ގެންދެވުމަށް ފަހު، އައިވަން ގަސްދު ކުރެއްވީ ރޫސީ ރަސްކަމުގެ ސަރަޙައްދުގައި އެހައިތަނަށް ބިނާ ކުރެވިފައި ނުވާ ވަރުގެ ބޮޑު ފައްޅިއެއް އެ ބައިތައް ބޭނުން ކުރައްވައިގެން ބިނާ ކުރެއްވުމަށެވެ. ބޮޑުފައްޅި ހުންނާނޭ ތަނަކާ މެދު އެކި ގޮތްގޮތަށް ވިސްނެވުމަށް ފަހު، އޭނާ ކަނޑައެޅުއްވި ސަރަޙައްދަކީ ޝަހަރުގެ މެދުތެރޭގައި، ރަސްކަމުގެ ގަނޑުވަރާ ދާދި ކައިރީގައި އޮތް، ޝަހަރުގެ ބޮޑު ބާޒާރު ސަރަޙައްދެވެ. ޢިމާރާތުގެ މަސައްކަތް ފެށުނީ ކާޒާން ފަތަހަ ކުރެވުނު އަހަރު ކަމުގައި ވާ މީލާދީން 1552 ގައެވެ. މަސައްކަތް ނިންމައިލެވުނީ 1561 ގައެވެ. ފައްޅި ޢިމާރާތް ކުރުމުގެ މަސައްކަތް ވެސް، އަޅު މަސައްކަތްތެރީންގެ ގޮތުގައި، މައިގަނޑު ގޮތެއްގައި ކުރީ ތާތާރީ މުސްލިމް މޭސްތިރީންނާއި ބިނާފަރުމާވެރީންނާއި އިންޖިނޭރުންނެވެ. ނަމަވެސް ރޫސީންގެ އެއްވެސް ރިކޯޑެއްގައި އެކަން ބަޔާން ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ސެއިންޓް ވަސިލީގެ ފައްޅި ޢިމާރާތް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހުންނާ މެދު ރޫސީންގެ މެދުގައި ކިޔެމުން އަންނަނީ "ލެޖެންޑް" ގެ ގޮތުގައި ބެލެވޭ، ތާރީޚީ އަޞްލެއް ނެތް ވާހަކަތަކެކެވެ. އެ ވާހަކަތަކުގައި ބުނާ ގޮތުން، ބޮޑުފައްޅީގެ ބިނާފަރުމާގެ އިސް މީހުންނަކީ "ބަރްމާ" އެވެ ކިޔުނު ރޫސީ މިއުމާރަކާއި، ޕޮސްނިކް ނަމަކަށް ކިޔުނު ރޫސީ މިއުމާރެކެވެ. ރޫސީ މުއައްރިޚުންގެ މެދުގައި މި ދެ މީހުންނަކީ ދެ މީހުންތޯ، ނުވަތަ މިއީ އެކަކަށް ކިޔާ ދެ ނަންތޯ ވެސް ސުވާލު އުފެދި މިއަދާ ހަމަޔަށް ދަނީ ބަހުސް ކުރެވެމުންނެވެ. ހަމައެހެންމެ، ފައްޅީގެ ފަރުމާއާ މެދުގައި ވެސް ރޫސީންގެ މެދުގައި އެތައް ތިޔަރީތަކެއް އޮވެއެވެ. ޔޫރަޕާއި، ބައިޒެންޓައިން ބިންތަކާއި، ރޫސީންގެ މުސްކުޅި އެއްވެސް ހިސާބެއްގައި، ވަސިލީގެ ބޮޑު ފައްޅީގެ ފަރުމާގެ އަޞްލެއް ކަމަށް ބެލެވޭ، އެ ފައްޅިއާ ވައްތަރު އެއްވެސް މިސާލެއް ނުވެއެވެ. ފަށަމުން ވެސް ދެންނެވި ފަދައިން، ފައްޅި ވައްތަރު ވާން އުޅެނީ މުސްލިމުންގެ މިސްކިތްތަކުގެ މުންނާރުތަކާއެވެ.

މަސްޖިދް ޤޫލް ޝަރީފްގެ ބައިތައް ބޭނުން ކޮށްގެން، ވަސިލީގެ ބޮޑުފައްޅި ބިނާ ކޮށް ނިންމި އިރު، އެއީ މޮސްކޯގައި ހުރި އެންމެ އުސް ޢިމާރާތެވެ. އެ ޢިމާރާތަށް ފަހުން އެކިއެކި ބަދަލުތައް ގެނެވިފައި ވެއެވެ. ގުއްބުތަކާއި ފައްޅީގެ އެހެނިހެން ބައިތަކުގައި ބޭނުން ކޮށްފައި ހުރި ކުލަތަކަށް ވެސް ބަދަލު ގެނެވިފައި ވެއެވެ. ނަމަވެސް ފައްޅީގެ މައިގަނޑު އަޞްލަކަށް މާބޮޑު ބަދަލެއް ނުގެނެވެއެވެ. އެހެންވީމާ، މިހާރު ވެސް ފެންނާން އެހެރަ ޢިމާރާތަކީ ކާޒާންގެ ބޮޑު މިސްކިތުގެ ބަދަލު ގެނެވިފައި ވާ ނަމޫނާއެއް ކަމަށް ބުނާން ޖެހެއެވެ.

ރޫސީންގެ ރަސްކަމުގެ ދައުރުގައި، އަދި 1917 ވަނަ އަހަރު ރޫސީ ވިލާތުގެ ކޮމިޔުނިސްޓް ޔޫނިއަން ޤާއިމު ކުރެވުމަށް ފަހުގައި ވެސް، ރޫސީ ވެރިކަމުގެ ދަށަށް ގެނެވިފައި ހުރި މުސްލިމް ބިންތަކުގައި މުސްލިމުންނާ މެދު ކަންތައް ކުރެވެމުން ދިޔައީ ވަރަށް އިހާނެތިކޮށެވެ. ޚާއްޞަކޮށް، 1917 ވަނަ އަހަރަށް ފަހު، ކޮމިޔުނިސްޓް ސޮވިއެޓް ޔޫނިއަނުގައި، މެދުތެރޭ އޭޝިޔާގެ ސަރަޙައްދަށް ނިސްބަތް ވާ ރޫސީ ޖުމްހޫރިއްޔާތަކުގެ ގޮތުގައި ހުރި މުސްލިމުންގެ ރަށްތަކުގައި މުސްލިމުންނަށް އެމީހުންގެ ދީނަށް އުޅުމަށް އެއްވެސް ކަހަލަ މިނިވަންކަމެއް ނެތް ކަމުގައި ދަންނަވާން ޖެހެއެވެ. ނަމަވެސް، 1991 ވަނަ އަހަރު ސޮވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމަށް ފަހު، ރޫސީންގެ ވެރިކަމުގެ ދަށުގައި އޮތް މުސްލިމް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ވެސް ދީނީ މިނިވަންކަން އެކަށީގެންވާ ފަދަ މިންވަރަކަށް ލިބުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި، ކާޒާން ފަދަ އެތައް ސަރަޙައްދެއްގައި އިސްލާމީ ޝަޚްޞިއްޔަތާއި އިސްލާމީ ސަގާފަތަށް އައު ދިރުންތަކެއް އައި ދުވަސްވަރު، ކާޒާންގެ ބޮޑު މިސްކިތް ނުވަތަ މަސްޖިދް ޤޫލް ޝަރީފް އަލުން ބިނާ ކުރުމުގެ މަޝްރޫޢު ފެށުނެވެ. 1996 ގައި ފެށުނު މި މަޝްރޫޢުގެ ދަށުން، މުސްކުޅި މިސްކިތް ހުރި ތަނުގައި ވަނީ ހަމަ އެ ނަމުގައި އައު މިސްކިތެއް ބިނާ ކުރެވިފައެވެ.

ރޫސީ ތާތާރީ މުސްލިމުންނާއި، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ މުސްލިމް ސަރުކާރުތަކާއި މުސްލިމް ޖަމްޢިއްޔާތަކުގެ މާލީ އެހީތެރިކަމާ އެކު، މަސްޖިދް ޤޫލް ޝަރީފްގެ އައު މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢު ފުރިހަމަ ކުރެވި، މިސްކިތް ރަސްމީކޮށް ހުޅުވުނީ 2005 ވަނަ އަހަރުއެވެ. މިސްކިތުގެ ޢިމާރާތް ކުރެވިފައި ވަނީ، ނަމާދު ކުރާ ބަޔަކާ އެކު، ޒިޔާރަތް ކުރާ މީހުންނަށް ތާތާރީ މުސްލިމް ސަގާފަތާއި ތާރީޚާ ބެހޭ މަޢުލޫމާތު ދޭ މަރުކަޒަކާއި، ދާރުލްއާސާރަކާއި، މުސްލިމުންގެ ކައިވަނީގެ ރަސްމިއްޔާތު ބާއްވާ މާލަމަކާއި، އިސްލާމީ ފޮތްތައް ޝާއިޢު ކުރާ މަރުކަޒަކާއި، ކުތުބުޚާނާއަކާ އެކު މިސްކިތުގެ އިމާމުގެ އޮފީސް ބައެއް ވެސް ހިމެނޭ ގޮތަށެވެ.

މި ޒަމާނުގެ އިސްލާމީ ޢިލްމުވެރީންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޝަޚްޞިއްޔަތު ކަމުގައި ވާ ޝައިޚް ޑޮކްޓަރ ޢުމަރު ފާރޫޤު ޢަބްދުﷲ ގެ ތަޤްރީރެއްގައި، މިހާރު ހުރި މަސްޖިދް ޤޫލް ޝަރީފަށް ކުރެއްވި ޒިޔާރަތެއްގެ ވާހަކަ ވިދާޅުވެދެއްވައިފައި ވެއެވެ. އެ ތަޤްރީރު މި ލިންކުން ބައްލަވައިލެއްވޭނެއެވެ. ޑރ. ޢުމަރު ފާރޫޤު ވިދާޅުވި ގޮތުގައި، އޭނާ މަސްޖިދް ޤޫލް ޝަރީފަށް ކުރެއްވި ޒިޔާރަތުގައި އެ މިސްކިތުގެ އިމާމާ ވާހަކަފުޅު ދައްކަވައި، އައިވަން ދަ ޓެރިބްލް މުސްކުޅި މިސްކިތް ރޫޅައިލައްވައިގެން ގެންދެވި ހާދިސާއާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. ސެއިންޓް ވަސިލީގެ ބޮޑުފައްޅި ބިނާ ކުރެވުނީ ޤޫލް ޝަރީފް މިސްކިތުގެ ބައިތަކުން ކަމަށް ބުނެވޭ ވާހަކައަކީ ތެދުތޯ އެއްސެވިއެވެ. އިމާމް ދެއްވި ޖަވާބު ޑރ. ޢުމަރު ވިދާޅުވެދެއްވައިފައި ވަނީ މި ދަންނަވާ ޢިބާރާތުންނެވެ. "ތިޔަ ކަންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުން ޙާޞިލު ވާނޭ މަޤްޞަދެއް ނެތެވެ. އަޅުގަނޑުމެން ދެރަ ވެ ހިތާމަ ކުރާން ވީ ހިލަތަކެއްގެ ނަޞީބާ މެދުގައިތޯއެވެ؟ މުށިތަކެއްގެ ނަޞީބާއި އެ އެއްޗެއްސަށް ވީ ގޮތާ މެދުގައިތޯއެވެ؟ އެމީހުން އެ ހިލަތަކާއި މުށިތައް ގެންދިޔަދެއްވާށެވެ! އެމީހުން އެ އެއްޗެތި ގެންދިޔައެވެ. ނަމަވެސް އެކަމާ އަޅުގަނޑުމެން ޝަކުވާ ކުރާނެ ކަމެއް ނެތެއް ނޫންތޯއެވެ؟ އަޅުގަނޑުމެން ސަމާލުކަން ދެނީ ރޫސީ ވިލާތުގައި ޙަޤީޤީ އިސްލާމް ދީނުގެ ދަޢުވަތު ފެތުރުމަށެވެ. އެއީ ރޫސީން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ ދަޢުވަތެވެ. އެމީހުން ވަނީ ބަނގުރަލުގެ އަޅުވެތިކަމުގައި ޖެހިފައެވެ. ޢާއިލާގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާވެރި ވުމުގެ ބަލިމަޑުކަމުގައި ބަލި ވެފައެވެ. އަދިވެސް އެފަދަ އެހެން އެތައް މައްސަލަތަކެއްގެ ސަބަބުން އެމީހުންނަށް ވަނީ ދިރިއުޅުން ވޭނަކަށް ވެފައެވެ. ވީމާ، އަޅުގަނޑުމެން ސެއިންޓް ބެސިލްއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފައިދާއެއް ނެތެވެ. އާދޭހެވެ! އެ ފައްޅި އަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ މިސްކިތެވެ. އެކަމަކު އެހެނޭ ކިޔައި ޝަކުވާ ކޮށް، އެ ޢިމާރާތް އަތުލައިގެން ގެނެސް އެއިން އަލުން މިސްކިތެއް ބިނާ ކުރާން މަސައްކަތް ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތެވެ."

މަސްޖިދް ޤޫލް ޝަރީފްގެ އިމާމްގެ ބަސްފުޅުތައް ވަރަށް ފުރިހަމައެވެ. އެ ބަސްފުޅުތަކުގައި ވަނީ ޙިކުމަތެވެ.

ނަމަވެސް ތާރީޚަކީ ތާރީޚެވެ. ތާރީޚަކީ ޙަޤީޤަތުގެ ރިކޯޑެވެ. އެ ރިކޯޑު ބުނާ ގޮތުން، ދުނިޔޭގައި ހުރި ނަޞާރާއިންގެ އެންމެ ރިވެތި، އެންމެ ފުރިހަމަ، އެންމެ މަޝްހޫރު އެއް ބޮޑުފައްޅިއަކީ އަޞްލުގައި މުސްލިމުންގެ މިސްކިތެކެވެ. އެ މިސްކިތަކީ އެއް އިރެއްގައި މެދުތެރޭ އޭޝިޔާގައި އެއްވެސް ބަޔަކަށް ޗެލެންޖު ނުކުރެވޭ ވަރުގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ތާތާރީ މުސްލިމުންގެ ސަގާފަތުގެ ފަނޑު ނުވާނޭ ނަމޫނާއެއްގެ އަސަރެވެ. ތާރީޚަކީ އަޖާއިބު ކުރުވަނިވި، މަޖުހޫލު ވެސް އެއްޗެކެވެ. އެހެނީ، އެ ތާތާރީންނަކީ އެންމެ ފުރަތަމަ އަނިޔާވެރި، ޖައްބާރު، ގޮތްކުޑަ، ލެޔަށް ފެންބޮވައިގެންފައި ތިބި ހަނގުރާމަވެރީންތަކެއްގެ ގޮތުގައި މުސްލިމުންގެ ބިންތަކަށް އަރައި، އެތައް މުސްލިމް ޝަހަރެއް ވީރާނާ ކޮށް، އެތައް ލައްކަ މުސްލިމުން ކަތިލައި، މުސްލިމް ޙަޟާރަތުގެ މައި މަރުކަޒު ކަމުގައި ވި މަޝްހޫރު ބަޣްދާދު ތަޅައި ސުންނާފަތި ކުރި ތާތާރުންނެވެ. ޞޫފީ މުސްލިމުންގެ ރިވެތި ދަޢުވާގެ ސަބަބުން އެމީހުން ފަހުން އިސްލާމް ދީނުގެ ހިދާޔަތުގެ އަލިކަން ލިބިގަތީއެވެ. އެޔަށްފަހު، އިސްލާމް ދީނަށް ޓަކައި އެމީހުން ވި ޤުރްބާނީތަކާއި، ދީނަށާއި އުއްމަތަށް އެމީހުން ކުރި ޚިދުމަތްތަކުގެ ވާހަކައަކީ ވެސް ރިވެތި ވާހަކަތަކެކެވެ.

https://www.youtube.com/watch?v=54WGpFihsTE