ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ހޯމްލޭންޑު މިނިސްޓްރީން ބުނެފިއެވެ.

ތަކުރާރުކޮށް ދައްކަންޖެހޭ ފީ ނުދައްކައިގެން ޖޫރިމަނާކޮށްފައިވާ ކުންފުނިތަކުގެ ނަން އިއުލާންކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ލިސްޓުގައި ބޮޑެތި ވިޔަފާރިތައް ހިމެނޭ ގޮތަށް 1026 ކުންފުންޏެއްގެ ނަން ހިމަނާފައިވެއެވެ. އެ ކުންފުނިތަކުން ނުދައްކާ އޮތް ފައިސާގެ އަދަދު 636 މިލިއަން ރުފިޔާއަށް އަރައެވެ.

މި ލިސްޓް އާންމުކުރިތާ ތިން ހަފުތާގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނީ، 182،954،572 ރުފިޔާގެ އަދަދެއް ދައުލަތުން ހޯދާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އޮޑިޓުކޮށް އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައިފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެމީހުންގެ ދިހަ އިނގިލީގެ ނިޝާންތަކާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ބައޮމެޓްރިކް ޑާޓާ އެއްކޮށް، ބިދޭސީން ދެނެގަތުމަށްވެސް ނިންމާފައިވެއެވެ.