އިންޑިއާ ފުޓުބޯޅަ އިދާރާއިން ހިންގަމުންދާ އައި ލީގުގައި އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު، އަންނަ ސީޒަނުން ފެށިގެން ވާދަކުރާނެ ކަމަށް އިއުލާނުކޮށްފިއެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ކަލްޔަން ޗައުބޭ އެކަން އިއުލާންކުރައްވާފައިވަނީ އައި ލީގުގައި ވާދަކުރާ ކްލަބުތަކާއެކު މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން އިންޑިއާ ފުޓުބޯޅަ އިދާރާއިން ޒުވާން ޓީމުތައް އުފައްދައި، އެ ޓީމުތަކަށް އައި ލީގުގައި ވާދަކުރަން ފުރުސަތު ދީފައިވެއެވެ. އެންމެ ފުރަތަމަ އޭއައިއެފްއެފް އެކްސްއައިގެ ނަމުގައި 2010 ވަނަ އަހަރު ޒުވާން ޓީމެއް އައިލީގުގައި ވާދަކޮށްފައިވާ އިރު، އެއް ސީޒަނަށްފަހު އެޓީމުގެ ނަން ޕައިލަން އެރޯސްއަށް ބަދަލުކޮށް، 2013 ވަނަ އަހަރާ ހަމައަށް އެ ޓީމު އައި ލީގުގައި ވާދަކުރިއެވެ. އެފަހަރު ދަށް ނަތީޖާތަކުގެ އިތުރުން އޭއެފްސީ ލައިސަންސިން އުނދަގޫ ކަމުން އެ ޓީމު އައި ލީގުގައި ވާދަކުރުން ހުއްޓާލިއެވެ.

އެއަށްފަހު އަލުން އިންޑިއަން އެރޯސްގެ ނަމުގައި ޒުވާން ޓީމެއް 2017 އިން 2022 ވަނަ އަހަރާ ހަމައަށް އައިލީގުގައި ވާދަކުރިއެވެ. އެފަހަރުގެ އެ ޕްރޮޖެކްޓް ހުއްޓާލީ އޭއެފްސީ ކްލަބު ލައިސަންސިންއަށް އުނދަގޫތައް ކުރިމަތިވާތީއެވެ. އެއީ މުޅިން ޒުވާން ކުޅުންތެރިން ސްކޮޑުގައި އެކުވެލޭ ޓީމަކަށް އެ ޓީމު ވާތީއެވެ. 2022 ވަނަ އަހަރު އެ ޕްރޮޖެކްޓް ހުއްޓާލުމަށްފަހު އިންޑިއާއިން ނިންމާފައިވަނީ އެ ފަންޑުން، ޒުވާން ކުޅުންތެރިން ބިނާކުރާނެ މުބާރާތްތަކެއް ބޭއްވުމަށެވެ. އެ މުބާރާތްތައް ފެށި ނަމަވެސް، މިހާރު އިންޑިއާގެ ވިސްނުން އަނެއްކާވެސް ހުރީ 20 އަހަރުން ދަށުގެ ޓީމު އައި ލީގަށް ނެރޭށެވެ.

އިންޑިއާގެ އައި ލީގު، އޮކްޓޯބަރު މަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، 20 އަހަރުން ދަށުން ވާދަކުރާނެ ޓީމު އަދި ފައިނަލް ކޮށްފައެއް ނުވެއެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމަށް، އެޓީމަށް ވަކި ހާއްސަ ދަނޑެއްވެސް މިހާތަނަށް ކަނޑައަޅައިފައެއް ނުވެއެވެ. އިންޑިއާ އެފްއޭއިން މިހާރު ދަނީ ޓީމުގެ އެކޮމޮޑޭޝަނާއި ދަތުރުފަތުރުގެ އިތުރުން ދަނޑަށް ފަންޑިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައިއެފްއެފްގެ ރައީސް ކަލްޔަން ޗައުބޭ ވިދާޅުވީ އަލުން މި ފަށަނީ ސީދާ އިންޑިއަން އެރޯސްގެ ޕްރޮޖެކްޓް ނޫން ކަމަށާއި، އަންހެން އަދި ފިރިހެން 20 އަހަރުން ދަށުގެ ޓީމުތައްވެސް ސީނިއާ ލެވެލްއަކަށް ތައްޔާރުކުރުމަށް މިހާރު ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެގޮތުން އެ ދެ ޓީމަށްވެސް ޕްލޭނެއް އެކުލަވާލެވި، މެޗު ގިނަ ކުރަން އައި ލީގުގެ ވާދަވެރިކަން މުހިއްމު ކަމަށްވެސް ޗައުބޭ ވިދާޅުވިއެވެ.

އައި ލީގުގައި ވާދަކުރާ 20 އަހަރުން ދަށުގެ ޓީމު ކުޅޭނީ ރެލިގޭޓް ނުވާ ގޮތަށެވެ.

އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުވެސް މިހާރު ދަނީ ނޭޕާލުގައި އޮންނަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭގެފަހުން އޮންނަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވަމުންނެވެ. މިވަގުތު ޓީމުގެ ކޯޗަކީ ރަންޖަން ޗޯދުރީއެވެ.