ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރަކު ވަކި ކުރަން ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަކިކުރުމަށް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުން ފާސްކުރީ، އެ ޓްރައިބިއުނަލްގެ މެންބަރެއް ކަމަށްވާ އިސްމާއީލް ސާޖިދު ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކުލަވައިލި ރިޕޯޓުގައި އެ ޓްރައިބިއުނަލްގެ ކަންކަން ރަނގަޅުކުރަން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބަލާފައިވަނީ ބައްދަލުވުން ސިއްރުކޮށްގެންނެވެ.

ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވި ޓްރައިބިއުނަލްގެ މެންބަރުން ކަމަށްވާ ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ޓްރައިބިއުނަލުން ވަކިކުރަން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެ ހުށަހެޅުއްވުމަށް ގިނަ މެންބަރުންތަކެއް ތާއީދު ކުރައްވާފައިވާތީ، ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލްއާއި، މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމް ވަކި ކުރުމަށް ލަފާ އެރުވުމަށެވެ.

އެ މެންބަރުންގެ މައްސަލަތައް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލަފާދިނުމަށް ވެސް ކޮމެޓީން ފާސްކުރިއެވެ.