އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ގާއިމުކުރަން ގާނޫނުން ސަރުކާރަށް މަޖުބޫރު ކޮށްފައިވާ ކަމަށާއި، އެ މުއްދަތު ބަދަލު ކުރުމުގެ ގޮތުން ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރެކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ގާއިމުކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ނުފަށާ އެއްވެސް ރަށެއް ނެތް ކަމަށެވެ. ނަމަވެސް ގާނޫނަށް ބަދަލު ގެންނަން ޖެހެނީ އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ލަސްވަމުންދިއުމާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުތައް ލަސްވަމުންދާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު މިއަދު ފާހަގަ ކުރެއްވީ އެކަންކަމަށް ބޭނުންވާ އަދަދަށް ބަޖެޓުގައި ފައިސާ ނެތުމެވެ.

އެގޮތުން މިހާރު ސޮއިކޮށްފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ އަގަކީ 36.8 ބިލިޔަން ރުފިޔާ ކަމަށާއި، 31.5 ބިލިޔަން ރުފިޔާގެ މަސައްކަތްތައް ކުރިއަށްދާއިރު އެކަމަށް ބަޖެޓުގައި ކަނޑައަޅާފައި އޮތީ، އެންމެ ފަސް ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މެންބަރުން ބަޖެޓު ހައްދަވާއިރު، މަޝްރޫއުތައް ކުރިޔަށް ގެންދެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމެނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އެ މަޝްރޫއުތައް ފެނަކައާ ހަވާލު ކުރުންވެސް މަސައްކަތް ލަސްވި ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފެނަކައަކީ ކޮންޓްރެކްޓު މަސައްކަތް ހިންގާ ކޮންޓްރެކްޓަރެއްނޫން ކަމަށެވެ. އަދި އެއީ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން އެކަންކަން ކުރިއަށް ނުދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ބާތިލުކޮށް އެމްޑަބްލިއުއެސްސީއާ އެ ޕްރޮޖެކްޓްތައް ހަވާލު ކުރަން ނިންމައި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.