މަންމައަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ކ. ގުރައިދޫ، އަޒުމް، އަހުމަދު ނިޒާރު، 38އ. އެވެ.

ކުރިމިނަލް ކޯޓުގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާއަށް މާރާމާރީ އަދި ގެވެށި އަނިޔާގެ ތުހުމަތު ކުރެވެއެވެ. އެހެންވެ އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ މަންމައަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވެއެވެ. ހުށަހަޅާފައިވާ ބަޔާންތަކުން ވެސް އޭނާ މަންމައަށް އަނިޔާދިން ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެއެވެ.

އޭނާ ބަންދުކުރީ ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު ތަކުރާރުކޮށް މި އަމަލު ކޮށްފާނެ ކަމަށް ބެލެވޭފަދަ ކަންތައްތަކެއް ހުރުމުންނާއި މައްސަލައިގައި ހެކިބަސް ދޭން ހުރި މަންމައަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.