ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އޭނާގެ ބައްޕައަށް ޓަކައި ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލައްވައިފި އެވެ.

މިނިސްޓަރު ފައިސަލްގެ އުދާސްތައް ބަންޑުންކޮށްލައްވާފައި މި ވަނީ ރައީސް ޔާމީނާއި އަބްދުއްރަހީމް އަބްދުﷲގެ ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގައެވެ. ފައިސަލްގެ އަމިއްލަ ފޭސްބުކްގައި އޭނާގެ އިހުސާސްތައް ލިޔުއްވައި ޕޯސްޓެއް ކުރައްވާފައިވާއިރު، މިއީ އޭނާ މިވާހަކަތައް މިހާ ތަފުސީލީކޮށް ދެއްކެވި ފުރަތަމަ ފަހަރެވެ.

ތިރީގައި އެވަނީ ފައިސަލްގެ ޕޯސްޓު، އެއްވެސް ބަދަލެއް ނުގެނެސް އޭނާ ލިޔުއްވި ގޮތަށެވެ.

"އަޅުގަނޑުގެ ބައްޕަ ރައީސް ޔާމީން އަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ އަޅުމަސައްކަތް، ވަރުބަލިކަމެއް ފޫހިކަމެއްނެތި ކޮށްދިންކަން މި ދިވެހި ޤައުމު ހެކިވާނެއެވެ.

އޭރަކު އަޅުގަނޑުގެ ބައްޕަގެ ތަޢުލީމެއް މަނިކުފާނަށް މުހިންމު ނުވިއެވެ.

2018 ގައި މަނިކުފާނާއި މަނިކުފާނުގެ އަނބިކަބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމް ގެ އޮޑި ފަރަށް އެރީ އަޅުގަނޑުގެ ބައްޕަ ހިމެނޭހެން ޕީޕީއެމް ގެ ލީޑަރޝިޕްގެ ގިނަބަޔަކު ދުރަށް ޖައްސައި، މަނިކުފާނުގެ އަންހެނުންލައްވައި ޕީޕީއެމް ހިންގުވައި މުލިއާގޭގައި " ސިހުރުތަށި" ދުއްވަން އުޅުމުގެ ނަތީއްޖާއެއްގެ ގޮތުންނެވެ. ހަޤީޤަތުގައިވެސް އެ އިންތިޚާބުގައި މަނިކުފާނު އަތުގައި މަދީ އަލާއުއްދީނުގެ ވޮއްގަނޑާއި އުދުހޭ މުސައްލަ ނެތުމުންނެވެ.

2019 ގައި މަނިކުފާނު ހަމަ ޤަޞްތުގައި ޕީޕީއެމްގެ މަޖިލީސް މެންބަރުން ފެއިލްކޮށްލީ ހަމަ ދުރާލާރާވައިގެން އެމީހުން އަޅުވެތިކަމުގައި ބޭތިއްބުމުގެ ކެހިވެރި ނިޔަތުގައެވެ. އެހާލަތުގައި މަނިކުފާނު ދޫކޮށް ޕާޓީގެ އިސްގިނަ ބަޔަކު ނައްޓާލިއިރު، ހުރިހާ ތަކުލީފެއް އުފުލަން ކެތްތެރިކަމާއެކު ހުރީ އަޅުގަނޑުގެ ބައްޕަ ޢަބްދުއްރަޙީމް ޢަބްދުއްﷲ އެވެ.

2019 ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ވޮޑަމުލާމައްސަލައިގައި މަނިކުފާނަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ އަޅުގަނޑުގެ ބައްޕައެވެ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސްފަހުން މަނިކުފާނު އެނބުރި އައިއިރު، ޕާޓީ ގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ އަވައްޓެރީންނާއި ދުރުތިބީންގެ ދޮޅިދަށަން އަތްލައި މަނިކުފާނުގެ ހައްޤުގައި އަވަދިވަމުން ދިޔައީ އަޅުގަނޑުގެ ބައްޕަކަން މި ދިވެހި ޤައުމު ހެކިވާނެއެވެ.

ޖަލުން އެނބުރި އައިސް، ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން ކާނިވަލުގައި ބޭއްވި މާސިންގާ ޖަލްސާއެއްގައި، މަނިކުފާނު ނެތް އިރު، ކޮށްދެއްވާފައިވާ މަސައްކަތުގެ ސަބަބުން މަނިކުފާނު އަޅުގަނޑުގެ ބައްޕައަށް އިއްވި ސަނާއާއި ކުރި އިތުބާރުގެ ވާހަކަތަކުގއ މަތީން މިހާރު ހަނދާން އެބަހުރި ތޯއެވެ. އެ ބޮޑު މާސިންގާ ކޯލިޝަން މަނިކުފާނުގެ ޢައިރު ހާޒިރުގައި ބަލަހައްޓަން މަނިކުފާނު ހަވާލު ކުރީ އެއްވެސް ޢިލްމެއް، ހިލްމެއް ނެތް މީހަކާ ތޯއެވެ؟ އެއިރު ހަމަ ބަރާބަރު ދެއްތޯއެވެ.

2023 ގެ ރިޔާސީ ޓިކެޓުގައި މަނިކުފާނުގެ ނަން ނުބޭއްވީ އެމް.ޑީޕީންނެވެ. އެއީ އެމީހުންގެ ކެނޑިޑޭޓު ރައީސް ނަޝީދުގެ ކެނޑިޑެސީ މަނިކުފާނު އިސްވެހުރެ 2018 ގައި ދުއްވާލުމުގެ ބަދަލުގައެވެ. މިހެން ވާނެކަން އިނގިހުރެ، އިދިކޮޅު އެންމެ ބޮޑު ކޯލިޝަން އިން ކެނޑިޑޭޓަކު ނުނެރި މުޅި ޤައުމު އެމްޑީޕީ އަތަށް ދެވަނަ ދައުރަކަށް ދޭންމަނިކުފާނު ނިންމީ މަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމުގެ ކެހިވެރި ނިޔަތުގައެވެ.

ތިމާ އަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބުމަށް ނޭދޭތީ މުޅި އިދިކޮޅު ނުހަނު ނިކަމެތި ކަމާއެކު އިތުރު ފަސް އަހަރު މަގުމަތީގައި ބޭއްވުމަށް މަނިކުފާނު ނިންމެވި ހިސާބުން މަނިކުފާނުގެ ލީޑަރޝިޕު ފެއިލްވިކަން މަނިކުފާނަށް ހިސާބުޖަހަން ނޭގުމަކީ ހަޤީޤީތެކެވެ. ޕާޓީ އަކީ މަނިކުފާނުގެ ތަރިކަ މުދަލެއްކަމަށް ހިތާ ޕާޓީ އަށް ލިބުނު ފައިސާގެ އެކި މިންވަރުގެ އެހީ އިން ބޮޑު ބައެއް 2013 އިން ފެށިގެން އަމިއްލަފުޅު އެކައުންޓްތަކަށް ލައްވަމުން ދިޔައީ ޕީޕީ އެމް ޢާންމު މެމްބަރުންނަކީ މޮޔައިން ކަމަށް މަނިކުފާނު ދެކޭތީތޯއެވެ.

އަޅުގަނޑުގެ ބައްޕަ އާއިއަދި މިއަދުގެ ޤައުމުގެ ރައީސް ޑރ މުޢިއްޒުގެ ހިތްވަރާއި ކެރުން ނެތްނަމަ، އަދިވެސް އަޅުގަނޑުމެން ތިބެން ޖެހޭނީ މަގުމަތީގައެވެ. މި ޤައުމު އޮންނާނީ އޮޔާގޮސް ލޯމަތިން ގެއްލިފައެވެ.

ޖަމީލާއި މަލީހާއި ހުސެންވަހީދުއާއި ޕާޕާ ގޮވައިގެން އިންނަވާ އެއީ ތެދުވެރިންކަމަށް ވިދާޅުވަމުން ދާއިރު އެއިން ކޮންމެ މީހަކީ މަނިކުފާނު މި ދުނިޔެއިން ނައްތާލަން އުޅުނު މީހުންކަމަށް ކުރިން ވިދާޅުވީ މަނިކުފާނެވެ.

އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އަކީ ނުކިޔަވާތިބި މީހުންކަމަށް ވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ.

ކުރުކޮށްލާފަ ދަންނަވަމެވެ! އަޅުގަނޑުވެސް އަޅުގަނޑުގެ ބައްޕަވެސް މަނިކުފާނުގެ ސިޔާސީ ގުއިރޯނުގައި ދެން ނުޖެހޭނަމެވެ. އަދި މަނިކުފާނަށް ދެން މި ޤައުމުގެ ޚަޒާނާއަށް އަތްބޭނުމަށް ޖާގައެއްވެސް ނުދޭނަމެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް!