އިންޑިއާއިން، ރާއްޖެއަށް ވެދީފައިވާ އެހީތަކުގެ ރަނގަޅު ނަތީޖާ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޖައިޝަންކަރު މިއަދު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފައެވެ. އޭނާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
ޖައިޝަންކަރުގެ އެ ރަސްމީ ދަތުރު ފެއްޓެވުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ ގުޅިގެން ދެއްވި ޕްރެސް ސްޓޭޓުމެންޓުގައި ޖައިޝަންކަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވިފަހުން މިއީ އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށެވެ. އެހެންކަމުން މި ދަތުރުގައި އިންޑިއާއި ރާއްޖޭގެ ގުޅުން ބައްޓަން ކުރާނެ ގޮތަކާ މެދު މަޝްވަރާކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
"ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަކުރުމަށްޓަކައި އަދި އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުގެ ކުރިއަށްއޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ،" ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން އަބަދުވެސް އިސްކަންދެނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކަމަށާއި އެއީ ދެ ގައުމުގެ މަންފާއަށްޓަކައި ބާއްވަމުންދާ ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއި ރާއްޖޭގެ ގުޅުން ވަރުގަދަވުމުން ދެ ގައުމަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު