އިންޑިއާގެ އެގްޒިމް ބޭންކުން، ރާއްޖެއަށް ދޫކުރި ލައިން އޮފް ކްރެޑިޓްގެ ދަށުން ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ހަ މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފައެވެ. އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
- - ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
- - ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ
- - ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
- - ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
- - ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
- - ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު
ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖައިޝަންކަރުގެ މި ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަނެ މަޝްވަރާކުރުން ކަމަށެވެ.
މި ދަތުރުގައި ޖައިޝަންކަރު، އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް އައްޑޫއަށް ވެސް ވަޑައިގަންނަވާނެއެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ތިން ފަހަރަކު ރާއްޖެ ވަޑައިގެންފައެވެ.
އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ޚަބަރު
ޚަބަރު
ޚަބަރު