އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރެވެ. އޭނާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖައިޝަންކަރުގެ މި ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަނެ މަޝްވަރާކުރުން ކަމަށެވެ.

މި ދަތުރުގައި ޖައިޝަންކަރު، އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް އައްޑޫއަށް ވެސް ވަޑައިގަންނަވާނެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ތިން ފަހަރު ރާއްޖެ ވަޑައިގެންފައެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.