އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖައިޝަންކަރު މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެކަން އިންޑިއާ ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ. އެކަން ހާމަކޮށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަނެ މަޝްވަރާކުރުން ކަމަށެވެ.

މި ދަތުރުގައި ޖައިޝަންކަރު އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް އައްޑޫއަށް ވެސް ވަޑައިގަންނަވާނެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ތިން ފަހަރު ރާއްޖެ ވަޑައިގެންފައެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.