މެލޭޝިއާގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މެލޭޝިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 22 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ހޯދައި, އެކަމާ ދެކޮޅަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ނޫސްތަކުގައިވާ ގޮތުން, ދިވެހި އަންހެން މީހާ ހައްޔަރުކުރީ މެލޭޝިއާގެ އިމިގްރޭޝަން ގާނޫނުގެ 55 ވަނަ މާއްދާގެ (ޑީ) ހިލާފުވެގެންނެވެ.

އެ މާއްދާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވިސާ, ހުއްދަ, ފާސް ނުވަތަ ސެޓްފިކެޓެއްގެ ހެއްދުމަށް ފޭކު ލިޔުމެއް ހައްދައި ނުވަތަ ފޯޖުކޮށް ނުވަތަ ބަދަލުކޮށްފި ނަމަ އެ ގާނޫނާ ހިލާފުވިކަމުގެ ކުށް ސާބިތުވާނެއެވެ.

އެ ކުށުގެ އަދަބަކީ އެ މާއްދާގައި ބުނެފައިވާ ގޮތުން 30,000 ރިންގިޓަށްވުރެ މަދު ނޫން ނުވަތަ 100,000 ރިންގިޓަށްވުރެ ގިނަ ނުވާ ގޮތަށް ޖޫރިމަނާ ކުރުން އަދި ފަސް އަހަރަށްވުރެ މަދު ނޫން އަދި 10 އަހަރަށްވުރެ ގިނަ ނުވާ ގޮތަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ހަ ފަހަރު ހައްދު ޖެހުންވެސް އަދަބުގެ ތެރޭގައި ހިމެނެއެވެ.

ފެޑެރަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން ޖަލަން އަމްޕަންގައި ހުންނަ ކޮންޑޯމިނިއަމް ކޮމްޕްލެކްސްގައި ހިންގި އެ އޮޕަރޭޝަންގައި ތަންޒޭނިއާ އަންހެނަކު ސަލާމަތްކޮށް, އެފްރިކާއަށް ނިސްބަތްވާ 20 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.