ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް "ފަގީރުންގެ މަދަދުގާރު" ޑރ. މުހައްމަދު ޔޫނުސް

ބަންގްލަދޭޝްގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާ ވަގުތީ ސަރުކާރުގެ ވެރިޔަކީ ކާކުކަން މިހާރުވަނީ އެނގިފައެވެ. އެބޭފުޅަކީ އުމުރުފުޅުން 84 އަހަރުވީ ޑރ. މުހައްމަދު ޔޫނުސެވެ. އޭނާއަކީ 2006 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ނުވަތަ ނޯބަލް ޕީސް ޕްރައިޒް ހާސިލް ކުރައްވާފައިވާ އިގްތިސާދީ މާހިރެކެވެ. ޝައިޚު ހަސީނާގެ ސަރުކާރު ވައްޓައިލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކިޔަވާކުދިންގެ ލީޑަރުންވެސް ތިބީ ޑރ. ޔޫނުސާމެދު ވަރަށް ބޮޑަށް ރުހިގެންނެވެ. ގައުމު ހިންގާން ސީދާގޮތެއްގައި ސިފައިންގެ ޖެނެރަލަކު ހުންނަވަން ކިޔަވާކުދިން ނޭދެއެވެ. އެވާހަކަ ވަރަށް ސާފުބަހުން އެމީހުންވަނީ ބުނެފައެވެ. މިދަނޑިވަޅުގައި އެމީހުން އިތުބާރުކުރާ ފަރާތަކީ ޑރ. ޔޫނުސްކަން ވަނީ އަންގައިފައެވެ. ބަންގްލަދޭޝްގައި އުފައްދާ ވަގުތީ ސަރުކާރުގެ ވެރިޔަކީ ޑރ. މުހައްމަދު ޔޫނުސްކަން އަންގާރަ ދުވަހު އިއުލާން ކުރުމުގެ ކުރިން އެގައުމުގެ ރައީސް މުހައްމަދު ޝިހާބުއްދީނު ވަނީ ޕާލަމަންޓް އުވާލައްވައިފައެވެ.

ޖަތިޔާ ސަންގްސާދު ނުވަތަ ޕާލަމަންޓް އުވައިލުމަކީވެސް ކިޔަވާކުދިންގެ އެދުމެކެވެ. އައު އިންތިޚާބެއް ބޭއްވެންދެން ގައުމުގެ ހުންގާނާ ހަވާލުވެ ވަގުތީ ސަރުކާރު ހިންގުމުގެ ޒިންމާޔާ ހަވާލުވާން ޑރ. ޔޫނުސްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ފެންނަ ފެނުމުގައި ތަކުރާރުވާން މިއުޅެނީ 2007 ވަނަ އަހަރުގެ ހާލަތެވެ. އެފަހަރުވެސް ސިފައިން އެދިގެން އެކުލަވައިލީ ގައުމީ އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރުގެ ވެރިޔަކަށް ހުންނެވީ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރެކެވެ. މާލީކަންކަމާއި އިގްތިސާދީ ކަންކަމުގެ ތަޖުރިބާކާރެކެވެ. ފަޚުރުއްދީން އަހުމަދެވެ. އޭނާއަށް ރައީސެކޭ ނުވަތަ ބޮޑުވަޒީރެކޭ ނުކިޔައެވެ. ގައުމު ހިންގެވީ ޗީފް އެޑްވައިޒަރުގެ ގޮތުގައެވެ. ހަމައެގޮތަށް ޑރ. މުހައްމަދު ޔޫނުސްވެސް މިފަހަރު ގައުމު ހިންގަވާނީ ޗީފް އެޑްވައިޒަރުގެ ގޮތުގައެވެ. ޑރ. ޔޫނުސަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން މާލީ ކަންކަމާއި އިގްތިސާދީ ކަންކަމުގެ ތަޖުރިބާކާރެކެވެ.

ބަންގްލަދޭޝްގެ އިރުމަތީ ބިތުގެ ސިޓީއެއްކަމަށްވާ ޗިޓަގޮން ނުވަތަ އިހުގެ ދިވެހިންގެ ނަމުންނަމަ ސެޓިގަމަށް ނިސްބަތްވާ ޔޫނުސް ޕީއެޗްޑީ ހާސިލްކުރެއްވީ އެމެރިކާގެ ވެންޑަރބިލްޓް ޔުނިވަރސިޓީގައެވެ. އެނބުރި ގައުމަށް ވަޑައިގެން 1972 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ ޗިޓަގޮން ޔުނިވަރސިޓީއާއެވެ. ރަށްފުށުގެ އިގްތިސާދު ކުރިއެރުވުމާބޭހޭ ޕްރޮގްރާމުގެ ވެރިއެއްގެ ގޮތުގައެވެ. ބަންގްލަދޭޝްގެ ރަށްފުށުގެ ހިސާބުތަކަށް 1974 ގައި ކުރިމަތިވި ހަނަފަސްކަމާ ގުޅިގެން ހައިހޫނުކަން އާއްމުވެ ދަނޑުވެރި ފަގީރުން ބަނޑަށް މަރުވެ އާއިލާތައް ބިކަވެގެންދިޔަ މަންޒަރު ވަރަށް ގާތުން އޭނާ ދެކެވަޑައިގެންނެވިއެވެ. ފަގީރުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށްޓަކައި ފަގީރުންގެ ތެރެއިންވެސް އެންމެ ނިކަމެތި ފަގީރުންނަށް އޭނާގެ އަމިއްލަ ޖީބުން ދަރަންޏަށް ކުދިކުދި އަދަދުތަކުގެ ފައިސާ ދޫކުރަން ފެއްޓެވީ އެހިސާބުންނެވެ.

މި މަސައްކަތް ފުޅާކުރައްވައި ހަމަމިކަމަށް ގްރަމީން ބޭންކުގެ ނަމުގައި އޭނާ ބޭންކެއް ވުޖޫދުކުރެއްވީ 1983 ގައެވެ. ގްރަމީން ބޭންކް ހިމެނުނީ މައިކްރޯ ފައިނޭންސިންގެ ކަންކަމުގައި ދުނިޔެއަށް އައު ފިލާވަޅުތަކެއް ލިއްބައިދިން ބޭންކަކަށެވެ. އެހެން ތަންތަނުގައިވެސް ޑރ. ޔޫނުސާއި އޭނާގެ ގްރަމީން ބޭންކުގެ އުސޫލުތައް ނަކަލުކުރަން ފަށައިފިއެވެ. މިކަން ފާހަގަކޮށް 2006 ވަނަ އަހަރު ޑރ. ޔޫނުސަށް ނޯބަލްގެ ސުލްގައިގެ އިނާމު ވަނީ ދީފައެވެ. ނޯބަލްގެ އިނާމާ ގުޅިގެން މުޅިދުނިޔޭގައި ޑރ. ޔޫނުސް މަޝްހޫރުވެގެން ދިޔައެވެ. ފަގީރުންގެ ބޭންކަރުގެ ނަމުންނެވެ. ފަގީރުންގެ މަދަދުގާރުގެ ނަމުންނެވެ. ޔުނިވަރސިޓީތަކުގައި މޮޅުވެގެންވާހައި އިގްތިސާދީ ތިއަރީތައް ކިޔަވައިދިނުމުގެ ބަދަލުގައި ފަގީރުކަން ނައްތާލާނެ ގޮތުގެ ޕްރެކްޓިކަލްސް ދަސްކޮށްދޭ މީހާގެ ނަމުންނެވެ. އޭނާއަށް ބަންގްލަދޭޝްގެ އެންމެ މަތީ އިއްޒަތުގެ ޝަރަފު 1987 ގައި ވަނީ އެރުވިފައެވެ. އެމެރިކާގެ ރައީސްގެ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމްވެސް 2009 ވަނަ އަހަރު ވަނީ އަރުވާފައެވެ.

ބަންގްލަދޭޝްގެ ކިޔަވާކުދިންނާއި ގްރޭޖުއޭޓުންގެ މެދުގައި ޑރ. ޔޫނުސަށްވުރެ މަގްބޫލު އެހެން ބޭފުޅަކު ނުވެއެވެ. ކިޔަވާކުދިންގެ ހަޅުތާލު މިފަހަރު ފެށުމާއެކު އެކުދިންނަށް އެންމެފުރަތަމަ ހިތްވަރުދެއްވައި ތާއީދު ކުރެއްވި ބޭފުޅަކީވެސް ޑރ. ޔޫނުސެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުން މި ހަފުތާގައި އިސްތިއުފާ ދެއްވި ޝައިޚް ހަސީނާއަކީ ޑރ. ޔޫނުސަށް ނަފުރަތު ކުރެއްވި ބޭފުޅެކެވެ. ހަސީނާ ގަބޫލު ކުރެއްވިގޮތުން ޑރ. ޔޫނުސްގެ މަގްބޫލުކަމަކީ ހަސީނާގެ ސަރުކާރަށް ބިރެކެވެ. އެހެންވެ ޑރ. ޔޫނުސްގެ އަގު ވައްޓާލައި ރައްޔިތުންގެ މެދުގައި އޭނާއަށް އޮންނަ އިތުބާރު ގެއްލުވައިލުމަށްޓަކައި ފާއިތުވި ބާރަވަރަކަށް އަހަރުގެ ތެރޭގައި ލައްކަ ގިނަ ރޭވުންތަކާއެކު ވަރަށް ގިނަ ކަންކަން ވަނީ ކޮށްފައެވެ. ޑރ. ޔޫނުސަކީ ރައްޔިތުންގެ ލޭބޯ މީހެއްކަމަށް ހަސީނާ ސިފަކުރެއްވިއެވެ. ދަރަންޏަށް ދޫކުރެވޭ ފައިސާ ފަގީރުންގެ އަތުން އަތުލުމަށްޓަކައި ގުންޑާއިން ބޭނުންކުރާ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ވަކިން ބޮޑަށް ފަގީރު އަންހެނުންނަށް ޑރ. ޔޫނުސްގެ ދުއްޕާން ބޮޑުކަމަށްވެސް ވިދާޅުވެފައިވެއެވެ. މިކަންކަމުގެ ތުހުމަތު ކުރެއްވުމަށްފަހު ދެން ހަސީނާގެ އަމުރަށް ސަރުކާރުން ފެށީ ޑރ. ޔޫނުސާ ދެކޮޅަށް ބޮޑު ތަހުގީގެކެވެ. އޭނާގެ ނަމާއި ކަންވެސް ބަރުބާދުކޮށްލުމުގެ ގޮތުންނެވެ. ނޯބަލް ޕްރައިޒާއެކު އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީވެސް ހުއްދަނެތި އަމިއްލަ ކުރެެއްވި ފައިސާކަމަށް ހަދައި ތަހުގީގެއް ހިންގިއެވެ. ފޮތްތައް ލިޔުއްވައިގެން ހޯއްދަވާ ފައިސާއަކީވެސް ކޮރަޕްޝަނުގެ ފައިސާކަމަށް ނިންމިއެވެ. މިހެންގޮސް ކޯޓުތަކަށް މައްސަލަ ވައްދައި ޑރ. ޔޫނުސްގެ މުޅި މިލްކިއްޔާތު ކޮންފިސްކޭޓްކުރަން ވަނީ ދިމާކޮށްފައެވެ. ސަރުކާރާއި ހަސީނާގެ ނުފޫޒު ކޯޓުތަކަށް ފޯރުވައިގެން ޑރ. ޔޫނުސްގެ މައްޗަށް ހުކުމްތަކެއްވެސް ވަނީ އިއްވައިފައެވެ. ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލެވިއިރު ޑރ. ޔޫނުސް ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށެވެ.