ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެން ޖެހިވަޑައިގަންނަވާނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި މުހައްމަދު ނަޝީދަށް ޖެހުނު ހާލު ކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާއަކީ ކުޅަދާނެ އަދި ގާބިލު ބޭފުޅެއް ކަމަށް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔާމީން، ޖަލަށް ދާން ޖެހިވަޑައިގެންފިނަމަ ޕީޕީއެމް/ޕީއެންސީ މަގުމަތި ވެދާނެތީ، ކަންބޮޑުވެގެން ގުޅުއްވައި، ދެ ޕާޓީ ހިންގުމާ ހަވާލުވެވަޑައިގަތުމަށް އެންގެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް މިއަދު އޭނާއަކީ އެއްވެސް ގާބިލުކަމެއް ހުރި ބޭފުޅެއް ނޫން ކަމަށް ޔާމީން ވިދާޅުވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަރުގަދަ ސިޔާސީ ބޭފުޅުންނަކީ ދެ އަނގައިން ވާހަކަދައްކަވާ ބައެއް ނޫން ކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި ޔާމީންގެ އަގު ވެއްޓިގެންދަނީ އެއްފަހަރު ދައްކާ ވާހަކަ އަނެއްފަހަރާ ދިމާނުވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ފިކުރުގަ މަސައްކަތް ފެއްޓީ ރައީސް ޔާމީނާއެކީގަ ޑީއާރުޕީގަ. މި ރާއްޖޭގަ އެއިރުގަ މައުމޫނަށްވުރެ ތާއިދު އޮތް ބޭފުޅަކު ނެތޭ ޑީއާރުޕީ އުފެދިގެން އައިއިރު. އެކަމަކު ކިހިނެއްތޯވީ އަޅުގަނޑުމެން ދޫކުރައްވާފަ މި ފިކުރާ ދުރަށް ވަޑައިގަތީމަ އެ ހުރިހާ ތާއީދެއް ދިޔައީ. ރައީސް ނަޝީދަށް ވެސް ކިހިނެއްތޯވީ އެމްޑީޕީ ދޫކޮށް ވަޑައިގަތީމަ. ރައީސް ޔާމީނަށް ވެސް ވާނީ އެހެން. ފިކުރުގެ ފަހަތުން ރައްޔިތުން ދާނީ. މީހާގެ ފަހަތަކުން ނުދާނެ ރައްޔިތުންނެއް މި ޒަމާނަކު، އެއަށްވުރެ މާ ހޭލުންތެރިވެއްޖެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ތިންވަނަ ފިކުރެއް ރާއްޖޭގައި ނުއުފެއްދޭނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ ޔާމީނާއެކު ކަމަށާއި ޔާމީނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ޔާމީން އެކުރައްވާ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ތާއީދު އެ މަނިކުފާނަށް ގެއްލެމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޔާމީން ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ހަ ދުވަސްވީތަނާ ޕީޕީއެމް/ޕީއެންސީ ދޫކުރައްވައި ވަޑައިގެންފައި ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރާ ދުރަށް ޔާމީން ވަޑައިގެންނެވީ ރައީސް މުއިއްޒު ވެރިކަން ކުރައްވާނީ ހަޖަމު ނުކުރެވިގެން ދެލޮލަށް ކުޅަދާނަ ނުވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތް ނުވީ، އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެލޮލަށް ކުޅަދާނަ ނުވީ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާތީ އެކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ފާޑު ވިދާޅުވަމުންދާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ހަގީގަތަކީ ނުކިޔަވާ ހުއްޓަސް އޭނާއަކީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމާ ބަޔަކު ރުޅި އަންނަންޏާ އަންނަންވީ ކަމަށެވެ. އަދި ހިނަ އަންނަ މީހުން ހިނި އަންނަންވީ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު