ދައުލަތުގެ ހަރަދާއި އާމްދަނީ އާއި ދަރަނީގެ ސިޔާސަތު ސިއްރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެެވެ.

އެކަން ސިއްރުކޮށްދިނުމަށް ކޮމިޓީގައި އެދުނީ ފިނޭންސް މިނިސްޓްރީން އެކަންކަމާބެހޭ މައުލޫމާތު ކޮމިޓީއަށް ފޮނުއްވުމަށްފަހުގައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މާލީ ކަންކަމާ ގުޅޭ ތިން ލިޔުމެއް މާލީ ވުޒާރާއިން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ލިޔުމެއް ސިއްރު ކޮށްދޭން މިނިސްޓްރީން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަަވެސް އެކަން ސިއްރުތޯ، ނުވަތަ ނޫންތޯ، ނިންމާނީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ މައުލޫމާތުތަކުގެ ތެރޭގައި މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު، ދައުލަތަށް ނަގާފައިވާ ލޯނާއި ދައުލަތުން ސޮވެރިން ގެރެންޓީދީގެން ދޫކޮށްފައިވާ ލޯނާބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރުން 2026 ވަނަ އަހަރަށް މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖިީ ނުވަތަ އާމްދަނީ އާއި ހަރަދުގެ ސިޔާސަތު އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ ނުވަތަ ދައުލަތުން ދަރަންޏާ ގުޅޭ ސިޔާސަތު ގެންގުޅޭނެ ގޮތުގެ ބަޔާންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން އެ މައުލޫމާތުތައް ސިއްރުކޮށްދިނުމަށް އެދިފައިވާގޮތަށް ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ތާއީދު ކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެ ހުށަހެޅުމާ އެއްގޮތަށް ކޮމިޓީ ސިއްރުކުރަން ފާސްކުރިއެވެ.