ގައުމީ އެއާލައިން މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އަންނަ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ޑާކާގެ މިހާރުގެ ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރުތައް ތާވަލުކުރުމާ ގުޅޭ ގޮތުން މި ވަގުތު އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.

މޯލްޑިވިއަން އިން އިތުރަށް ބުނީ އެ އެއާލައިނުން އަބަދުވެސް އެންމެ އިސްކަން ދެނީ ކްރޫއިންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. މި ހާލަތާ ގުޅިގެން އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާ ނަމަ 1671 ނަންބަރަށް ގުޅުމަށް އެ އެއާލައިނުން އެދެއެވެ.

ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެ ގައުމުގެ ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތައް ވަރުގަދަކުރުމާއި ގުޅިގެން ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވައި ފިއްލަވައިފައެވެ.

ހަސީނާ އިސްތިއުފާ ދެއްވުމުން މުޒާހަރާތައް އިއްޔެ ނިމުމަކަށް ގެނެސްފައިވާއިރު، އަސްކަރިއްޔާއިން ވަނީ ވަގުތީ ސަރުކާރެއް އެކުލަވައިލަން ނިންމައި އެކަމުގެ މަސައްކަތް ފަށައިފައެވެ.