ބަންގްލަދޭޝްގެ ވެރިކަމާ ސިފައިންގެ ވެރިޔާ ހަވާލުވުމުން ދެން ކަންކަން ފުރޮޅިގެންދާނީ ކޮންގޮތަކަށް؟

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ އެންމެފަހުން މަގާމުން އިސްތިއުފާ ދެއްވައި އަސްކަރީ ހެލިކޮޕްޓަރެއްގައި ގައުމުވެސް ދޫކުރައްވައި އަވައްޓެރި އިންޑިޔާއަށް ވަނީ ވަޑައިގެންފައެވެ. ހަސީނާގެ އިސްތިއުފާޔާއި ގައުމު ދޫކުރައްވައި ބޭރަށް ވަޑައިގެންނެވުމުގެ ފަހަތުގައި ވަނީ ބަންގްލަދޭޝްގެ އެއްގަމު ސިފައިންނެވެ. ޚާއްސަގޮތެއްގައި އެއްގަމު ސިފައިންގެ ވެރިޔާ ޖެނެރަލް ވަގާރުއްޒަމާނެވެ. ހަސީނާއަށް ދެން އެހެންގޮތެއް ނެތްކަން އެންގެވީ އޭނާއެވެ. ހަސީނާއަށް އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ އެކަމަނާގެ ގަނޑުވަރު ވަށާލައިގެން ވަދެގަތުމަށް ތައްޔާރަށްތިބި ކިޔަވާކުދިންގެ އަތްދަށުވެ އަވަހާރަވުމެވެ. ކިޔަވާކުދިންގެ ގަޔަށް ބަޑިނުޖަހާނެ ކަމަށް ސާފުބަހުން ޖެނެރަލް ވަގާރުއްޒަމާން ވަނީ ހަސީނާއަށް ދަންނަވައިފައެވެ. މަގާމުން އިސްތިއުފާ ދެއްވައި ގައުމުވެސް ދޫކުރައްވައި ފުރާވަޑައިގަންނަވަން ބޭނުންފުޅުނަމަ އެކަމަށް އަސްކަރިއްޔާގެ އުޅަނދެއް ހަމަޖައްސަވައި ދެއްވާނެކަންވެސް އެންގެވިއެވެ.

ކޮންމެއަކަސް ގައުމާ މުޚާތަބް ކުރައްވާނެ ވަގުތެއްވެސް ލިބިވަޑައިނުގެން ހަސީނާ ގައުމު ދޫކުރައްވައި ޖެނެރަލް ވަގާރުއްޒަމާން އެންގެވި ގޮތަށް ފުރާވަޑައިގެންނެވީއެވެ. މިހާރު ވެރިކަމުގެ ބާރުއޮތީ ސިފައިންނަށެވެ. ގައުމުގެ ވެރިޔަކީ އުމުރުފުޅުން 57 އަހަރުވީ ޖެނެރަލް ވަގާރުއްޒަމާނެވެ. އެކަމަކު މިއީ ބޮޑުވަޒީރުކަމުން ޝައިޚު ހަސީނާ ދުރުކޮށް ވެރިކަން ފޭރިގަތުމަށް ސިފައިން ގެނައި އިންގިލާބެއް ނޫނެވެ. ހާލަތާއި ވަގުތުގެ ގޮތުން މިކަމުގައި ދައުރެއް އަދާކުރަން ސިފައިންނަށް މަޖުބޫރުވީއެވެ. ގައުމާއި ރައްޔިތުންނަށްޓަކައެވެ. ހަސީނާގެ ވެރިކަން ބަދަލުކުރުމަށް ހިންގި ހަރަކާތެއްވިއްޔާ ހިންގީ ބަންގްލަދޭޝްގެ އާއްމުންނެވެ. ކިޔަވާކުދިން އިސްކޮށް ތިބެގެންނެވެ. ހަސީނާ އިސްތިއުފާ ދެއްވާފައި ފުރާވަޑައިގެންނެވީ ޑިމޮކްރަޓިކް ހަމަތަކާ އެއްގޮތަށް ވެރިކަން ހަވާލުކުރެވޭނެ މާހައުލެެއް ނެތިއެވެ. އެހެންވީމާ ދެން ގައުމާ ހަވާލުވާނެ އެހެން ފަރާތެއް ސިފައިން ފިޔަވައި ފެންނާކަށެއް ނެތެވެ.

އެގޮތުން ސިފައިން ވެރިކަމާ ހަވާލުވީއެވެ. ވަގުތީގޮތުން ގައުމުގެ ހުންގާނާ ޖެނެރަލް ވަގާރުއްޒަމާން ހަވާލުވެވަޑައިގެންނެވީއެވެ. ޖެނެރަލް ވަގާރުއްޒަމާނަކީ ކާކުހެއްޔެވެ. ސިފައިންގެ ވެރިކަމަށް ވަޑައިގެންނެވީ ކޮންއިރަކު ހެއްޔެވެ. އޭނާ ސިފައިންގެ ވެރިކަމަށް ވަޑައިގެންނެވިތާ އަދިމިވީ ގާތްގަޑަކަށް ދޮޅުމަހެއްހައި ދުވަހެވެ. މަގާމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ ގެންނެވީވެސް ހަސީނާއެވެ. އެއީ ހަސީނާޔާއި ދުރުތާ ތިމާގެ ބޭފުޅަކަށްވާތީއެވެ. ކޮންމެ ހާލަތެއްގައިވެސް ހަސީނާއަށާއި އެކަމަނާގެ ސަރުކާރަށް ވަފާތެރިވާނެ ކަމަށް ގަބޫލުކުރެވޭ ބޭފުޅަކަށްވާތީއެވެ. ހަސީނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޖެނެރަލް ވަގާރުއްޒަމާނުގެ ބަފައިބެއަކީ އެއްގަމު ސިފައިންގެ ވެރިޔާއެވެ. އެހެންވީމާ ހަސީނާގެ ފުރިހަމަ އިތުބާރު ވަގާރަށް އޮތެވެ. ގޯހެއް ނުހަދާނެކަމުގެ އިތުބާރެވެ. އަމުރަށް ތަބާވާނެ ކަމުގެ އިތުބާރެވެ.

ކޮންމެއަކަސް ވީއެއްޗެއް ވެއްޖެއެވެ. ޖެނެރަލް ވަގާރުއްޒަމާން ދެއްވި އިންޒާރެއް ނުވަތަ ވިދާޅުވި އެއްޗަކާ ގުޅިގެން އަވަސްގޮތަކުން ފޮށިތަންމައްޗާއެކު ހަސީނާ ގައުމު ދޫކުރައްވައި ވަޑައިގެންފިއެވެ. ވެރިކަމުގެ ބާރުތަކާއި ގައުމު އަލުން ހަމަޔަކަށް އެޅުވުމުގެ ޒިންމާ މިހާރު އޮތީ ޖެނެރަލް ވަގާރަށެވެ. ފެންނަ ފެނުމުގައި އާއްމުންގެ ތާއީދާއި ރުހުން އޭނާއަށް އެބައޮތެވެ. ކިޔަވާކުދިންގެ އިތުބާރުވެސް އެބައޮތެވެ. ހަސީނާގެ އަވާމީ ލީގު ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ ރުހުންވެސް އެބައޮތެވެ. ސިފައިންގެ ބެލުމުގެ ދަށުން ގައުމީ އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެއް އެކުލަވައިލުމަށްޓަކައި އަވާމީ ލީގު ފިޔަވައި ބޮޑެތި އެހެން ހުރިހާ ޕާޓީތަކަށް އޭނާ ވަނީ ދައުވަތު ދެއްވައިފައެވެ. ޕާޓީތަކުން ވަނީ މި ދައުވަތު ގަބޫލުވެސް ކޮށްފައެވެ. އަވާމީ ލީގަށް ދައުވަތު ނުދެެއްވީ އަދި އެ ޕާޓީއާ މަޝްވަރާ ނުކުރެއްވީ އެކަމަކީ މިވަގުތު ބަންގްލަދޭޝްގެ އާއްމުންގެ ގިނަބަޔަކު އެދޭނެ ގޮތަކަށް ނުވާތީއެވެ.

ވަގުތީ ސަރުކާރު ހިނގާ ނުހިނގާގޮތް ބެލުމަށް އިސްވެ ހުންނަވާނީ ޖެނެރަލް ވަގާރުއްޒަމާނެވެ. ކަންކަން ހިންގާން ވަޒީރުންގެ ގޮތުގައި ތިއްބަވާނީ ސިޔާސީ ޕާޓީތަކުގެ ވެރިންނެވެ. މިވަގުތު އަދި ނޭނގޭ އެއްޗަކީ އައު ސަރުކާރު ދެމިއޮންނާނެ މުއްދަތެކެވެ. ފަހަރުގައި ތިން ހަތަރު މަހަކަށެވެ. އަހަރަކަށް ދެ އަހަރަކަށްވެސް ދެމިއޮވެދާނެއެވެ. އެ ސަރުކާރުގެ މަސްއޫލިއްޔަތަކަށްވާނީ ގައުމު ހަމަޔަކަށް އަޅުވައި މަސްރަހު އަމާންކުރުމާއި އައު އިންތިޚާބެއް ބޭއްވުމެވެ. އިންތިޚާބެއް ބޭއްވޭނީ މަސްރަހު އަމާންވެ ހިމޭންވެގެންނެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ. ޖެނެރަލް ވަގާރުއްޒަމާން ހުންނެވީ ކޮންމެ ބަޔަކު އިންތިޚާބު ކާމިޔާބު ކުރިއަސް އެބަޔަކާ ވެރިކަން ހަވާލުކޮށްފައި ސިފައިން ދުރަށްޖެހިލާ ގޮތަށެވެ. މަދަނީއެއްގެ މޫނުމަތި އަޅައިގެން ފޮރުވިގެންހުރެ ދިގު ވެރިކަމެއް ކުރުމުގެ ނިޔަތެެއް ނެތެވެ. މީގެކުރިން ޖެނެރަލް ޒިޔާއުއްރަހުމާނާއި ޖެނެރަލް ހުސައިން މުހައްމަދު އިރުޝާދު ފަދަ އޮފިސަރުން ވެރިކަމުގައި ބަގުޑިބެއްދި ގޮތަށް އެކަން ތަކުރާރު ކުރުމުގެ ވިސްނުމެއް ނެތެވެ.

ހުސްވި ޖުލައިމަހުގެ ކުރީކޮޅުން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުން އައި ހަމަނުޖެހުންތަކުގައި ގައުމަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެއެވެ. އިގްތިސާދީގޮތުންނާއި އިޖުތިމާއީ ގޮތުންނެވެ. ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުންނެވެ. އެތައް ސަތޭކަބަޔަކު ވަނީ މަރުވެފައެވެ. ގައުމާ މުޚާތަބު ކުރައްވަމުން ޖެނެރަލް ވަގާރުއްޒަމާން ވިދާޅުވެފައިވެއެވެ. މަރުވި ކޮންމެ މީހެއްގެ އާއިލާއަށްވެސް އިންސާފު ހޯދައިދޭނަމެވެ. ގެއްލުންވި އެންމެނަށްވެސް އިންސާފު ކަށަވަރުކޮށްދޭނަމެވެ. އެހެންވީމާ ސިފައިންނަށް އިތުބާރުކޮށް އާއްމުން މައިތިރިވާށެވެ. ގެއަށް ދާށެވެ. ކެތްތެރިވެގެން ތިބޭށެވެ. ސިފައިންގެ ވެރިޔާގެ މި އިލްތިމާސަށް ގިނަބަޔަކު ކިޔަމަންތެރި ވެއްޖެއެވެ. ހަސީނާގެ ގަނޑުވަރަށް ބަޔަކު ވަދެ އެނދު އެނދަށް އަރައި ސެލްފީ ނެގުމާއި ހިސާބަކަށް ލޫޓުވުމުގެ ކަންކަން ހިނގިޔަސް ޖުމްލަގޮތެއްގައި މަސްރަހު ދަނީ ހަމަޔަކަށް އެޅެމުންނެވެ. ދެން ކަންކަން ގޯސްވިއަސް ގޯސްވާނީ ޖެނެރަލް ވަގާރުއްޒަމާނުގެ ވައުދުތަކާ އޭނާ ޚިލާފުވެއްޖެނަމައެވެ. އެހިސާބުން އަނެއްކާވެސް ކިޔަވާކުދިން ނުކުންނާނެއެވެ.