ފާއިތުވި 10 އަހަރުގެ ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ދަނެގަންނަން އިލްމީ ދިރާސާއެއް ހަދަން ގައުމީ ޔުނިވާސިޓީއާއެކު ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ގައުމީ ޔުނިވާސިޓީއަކީ ހަގީގަތަށްވެސް ވަރަށް މިނިވަން މުވައްސަސާއެއް ކަމަށާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގައުމީ ޔުނިވާސިޓީއަށް އެ ކުންފުނީގެ ހުރިހާ ދޮރުތަކެއްވެސް ދިރާސާއަށް ހުޅުވާލާފައިވާނެ ކަމަށެވެ.

"ބައެއް ގޭގޭތަކުގައި ކަރަންޓު ބިލުތައް ބޮޑުވާ މައްސަލައިގައި ވަރަށް ބޮޑަށް އެދޭ އެދުމެއް މިނިވަންކަމާއެކު އިންސާފުވެރިކަމާއެކު އިލްމީ ދިރާސާއެއް ކުރައްވާފައި ޕަބްލިޝްކޮށްލަދެއްވުން. މިކަމަށްޓަކައި އަޅުގަނޑުމެންނަށް (ސްޓެލްކޯ) ކޮށްދެވޭނެ ކަމަކީ އެއްވެސް ހިފެހެއްޓުމެއްނެތި، އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ މައުލޫމާތެއްދީ، އަޅުގަނޑުމެންގެ ސިސްޓަމްތަކަށް އެކްސެސް ވުމުގެ ފުރުސަތު،" ފަހުމީ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީއަކީ މިގައުމުގެ މުސްތަގުބަލުގެ ވެރިކަން ކުރާނެ ޖީލެއް ބިނާކުރާނެ ތަނެއް ކަމަށާއި އެހެންކަމުން އެ ޔުނިވާސިޓީން ނިންމާ ނިންމުންތަކަށް ރައްޔިތުން ޝައްކުނުކުރާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"ތި ބޭފުޅުން ނިންމާ ނިިންމުންތަކާ ދޭތެރޭ ޝައްކުރާނެ އެއްވެސް ބަޔަކު ނޫޅޭނެ މި ގައުމަކު. ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން ހުރިހާ ރިސޯސެއް އެވެއިލަބަލް ކޮށްދެއްވާނަމޭ. އެހެންވީމަ ވަރަށް ބޮޑަށް އެދޭ އެދުމެއް އެއްވެސް ކަހަލަ ހިފެހެއްޓުމެއްނެތި މީގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެ ގޮތަކަށް މިކަންތައް ކޮށްލަދޭށޭ،" ފަހުމީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. ޝެހެނާޒް ވިދާޅުވީ ސްޓެލްކޯ އިން ފައިތުވި 10 އަހަރު ދުވަހުގެ ތެރޭގައި، 2014 އިން 2024 އަށް ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ ދިރާސާއެއް ހެދުމަކީ އެ ފަހުމުނާމާގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.

"މި ދިރާސާގައި މަސައްކަތްކުރާނީ ކަރަންޓު ބޭނުންކުރާވަރު ދުވާލެއްގެ އެކި ދަންފަޅިތަކުގައި ދެނެގަނެ، ބޭނުންކުރާ މިންވަރާ މޫސުމީ ބަދަލުތަކެއްތޯ ދެނެގަނެ، އަދި މުހިންމު ގޮތެއްގައި ސްޓެލްކޯގެ ބިލިން ޕްރޮސެސްތަކުގެ ސައްހަކަމާއި ހާމަކަން އިތުރު ކުރެވޭނެ ގޮތްތައްތައް ދެނެގަތުން،" ޝެހެނާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝެހެނާޒް ވިދާޅުވީ ސްޓެލްކޯގެ ހުރިހާ ޑޭޓާތަކެއް ހިފެހެއްޓުމެއްނެތި ގައުމީ ޔުނިވާސިޓީއަށް ހުޅުވާލުމުން އެ ދިރާސާގެ މަސައްކަތަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ނަތީޖާ ފެންނައިރު އާންމު ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަލީގައި ރައްޔިތުންނަށް ދެފުށްފެންނަ ސައްހަގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދޭނެ ގޮތްތަކެއް އެކަށައެޅުމަށް ސްޓެލްކޯއަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޝެހެނާޒް ވިދާޅުވިއެވެ.

"މީޓަރުތަކުން ދައްކާ އަދަދާ ބިލުކުރެވިފައި ހުރި އަދަދުތަކުގައި ބިލުކުރެވިފައި ހުރި އެއްވެސް އަދަދެއް ފަރަގު ކުރެވިފައި ހުރިތޯއާ، އަދި ބިލުކުރެވިފައި ހުރި އަދަދު ސަރީހަކޮށް ހިސާބުކުރެވިފައި ހުރިތޯއާ އޭގައި ތަފާތުތަކެއް ހުރިތޯ ނެތްތޯ ބެލުމަކީވެސް މި ދިރާސާގެ އެންމެ ބޮޑު އެއް މަގުސަދު" ޝެހެނާޒް ވިދާޅުވިއެވެ.

ދާދި ފަހުން ސްޓެލްކޯ އިން ވަނީ ބިލު ބޮޑުވާ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހެދުމަށް ވެސް ނިންމައިފައެވެ.