މެއި 6، 2022ގެ ރޭ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓުގައި ހިމެނޭ ރެކޮމެންޑޭޝަންތައް މި ސަރުކާރުގެ ސަމާލުކަމަށް އަލުން ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލައި، އެކަމާގުޅޭ ރިޕޯޓު އެކުލަވާލީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ. މިހާރު އޮތް 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ މެއި 6ގެ ހަމަލާގެ މައްސަލަ ބަލައި ކޮމިޓީން އެކުލަވައިލި ސިއްރު ރިޕޯޓުގައި އެ ހަމަލާއާގުޅޭ އެެއް ގޯހަކީ އެ ހަމަލާ ހުއްޓުވުމުގެ ސަލާމަތީ ކަންތައްތައް ވިލަރެސް ކުރެވިފައި ނެތުން ކަމަށެވެ.

އެހެންކަމުން އެ ކަންތައްތައް މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް ގެންނަން ކޮމިޓީގައި މަޝްވަރާކޮށްފައިވާތީ، އެކަން އޮތް ގޮތް ބެއްލެވުމަށް ނާޒިމް ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

އެކަންތައް އޮތް ހިސާބު ހިއްސާކުރައްވަމުން ސަލީމް ވިދާޅުވީ، އެކަމަށް ބޭނުންވާ ސިޓީ މިހާރު ލިޔެފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކަށް އެ ސިޓީ މިއަދު ފޮނުއްވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީގައި ހިމަނާފައިވާ ކަންތައްތަކާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށްފަހު 241 ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަން ހިމެނެއެވެ.

މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރައްވާފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެ ހާދިސާގައި އެ މަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ރާއްޖެއިންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދެއްވިވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ އިތުރުން ހއ. މޮޅަދޫ/ ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ/ އަލަނާސިގޭ، މުހައްމަދު ތަސްލީމް ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށްވެސް ދަނީ ދައުވާ ކުރަމުންނެވެ.