ހަނގުރާމައިގެ ނުރައްކާ ބޮޑުވާން ފެށުމުން ލުބުނާނުގައި ތިބި ބޭރު މީހުން ގައުމުން ބޭރުވާން އަންގައިފިއެވެ.

ލުބުނާނުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އެ ގައުމު ދޫކޮށް ވީހާވެސް އަވަހަށް ދިއުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ލުބުނާނުން ބޭރުވާން އަންގާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާ އާއި ސްވިޑަންއާއި ފްރާންސް އަދި އިޓަލީ އާއި ކެނެޑާގެ އިތުރުން ދެކުނު ކޮރެއާ އާއި ސައުދީ އަދި ޖޯޑަން ހިމެނެއެވެ.

މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަރާހަކޮށްލި މައްސަލައާ އެކު މަޝްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.

ފަލަސްތީނަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވެރިވެގަނެ އެތައް ހާސް މީހުން ޝަހީދުކޮށްލާފައިވާއިރު އިސްރާއީލާއި ދެކޮޅަށް ތެދުވެފައިވަނީ ލުބުނާންގެ ހިޒްބުﷲއިންނެވެ. ނަމަވެސް މިހާރު މެދުއިރުމަތީގެ ހާލަތު ބެލެވޭގޮތުން ހަނިއްޔާގެ މަރާއިއެކު އިރާނުންވެސް އިސްރާއީލަށް ދެމުންދާ އިންޒާރުތަކުން އެ ގަނގުރާމަ އިތުރަށް ފުޅާވެގެން ދާނެކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކުން މިހާރު އެންމެ ޖެހިލުންވަނީ އިރާނާއި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ގުޅިގެން އިސްރާއީލަށް ހަމަލާދޭން ފެށުމުން ދެން މެދުއިރުމަތީގެ މަޝްރަހަށް ވާނެ ގޮތަކާއިމެދުއެވެ.