ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާގެ މަރާއެކު ގާޒާގެ ހަނގުރާމައަށް ނިމުން ގެނައުމުގެ މަޝްވަރާތައްވެސް މިވަގުތަކަށް ކަފުން ކުރެވުނީއެވެ. އެކަން ކަށަވަރެވެ. އަވަހާރަކޮށްލެވުނީ ހަމާސްގެ ފަރާތުން މަޝްވަރާ ކުރައްވަން ހުންނެވި ލީޑަރެވެ. ހަނިއްޔާ އަވަހާރަކޮށްލުމަކީ އަސްކަރީގޮތުން އިޒްރޭލަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. އަދި ސިޔާސީގޮތުންވެސް ކާމިޔާބީއެއް ނޫނެވެ. މިކަމަކީ ގާޒާގެ ހަނގުރާމަ ހުއްޓާލަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބޭނުން ނުވާތީ ހަނގުރާމަ ނުހުއްޓި ކުރިއަށް ދާނެކަން ކަށަވަރު ކުރުމަށް ނަތަންޔާހޫ ކޮށްފައިވާ ކަމެކެވެ. ގާޒާގެ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އާއި ޔޫރަޕުން އައީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް މަޖުބޫރު ކުރަމުންނެވެ. ހަމާސް ޖަމާއަތްވެސް އޮތީ ހަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވާ ކަހަލަ ގޮތަކަށެވެ. އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލީމާ ދެން ހަމާސްއަކުންވެސް ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. އިސްކަންދޭނީ ބަދަލު ހިފުމަށެވެ.
ހަމާސްއިން ސުލްހައޭ ނުކިޔަންޏާ ނަތަންޔާހޫ ބޭނުންވާގޮތް ފުރިހަމަވީއެވެ. ނަތަންޔާހޫ ބޭނުންވާ ގޮތަކީ ގާޒާގެ ހަނގުރާމަ ދެމެހެއްޓުމެވެ. ހަނގުރާމަ ހުއްޓައިފިނަމަ ނަތަންތާހޫއަށް ވެރިކަން ގެއްލޭނެއެވެ. ވެރިކަމުގައި ދެމިހުރެވެންއޮތް ހަމައެކަނި ގޮތަކީ ހަނގުރާމަވެސް ދެމެހެއްޓުމެވެ. އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަކީ މިގޮތުން ހިސާބުޖަހައިފައި ނަތަންޔާހޫ ކޮށްފައިވާ ކަމެކެވެ. އެކަން ޔަގީނެވެ. ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ނަތަންޔާހޫގެ އަމުރަށް ޝަހީދުކޮށްލާފައިވަނީ ހަމައެކަނި ހަނިއްޔާއެއް ނޫނެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިޒްބު ﷲ ޖަމާއަތުގެ ސީނިއަރ ކޮމާންޑަރަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ގާޒާގައި ހަމާސް ޖަމާއަތުގެ އެފަދަ ކޮމާންޑަރަކުވެސް ވަނީ ޝަހީދުކޮށްލައިފައެވެ. މި ކަންކަމަކީ ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި އޭނާގެ މަގްބޫލުކަން ރައްޔިތުންގެ މެދުގައި އިތުރުވެގެންދާނެ ކަންކަމެވެ. މަގްބޫލުކަން އިތުރުވުމަކީ ވެރިކަން ދެމެހެއްޓުމުގެ ތަޅުދަނޑިއެވެ.
ފަލަސްތީނުގެ ލީޑަރުންނާއި ކޮމާންޑަރުން އަވަހާރަކޮށްލުމަކީ އިޒްރޭލުގެ ވަރަށް ގިނަ އަދަދެއްގެ އާއްމުންވެސް ތާއީދުކުރާ ކަމެކެވެ. އެއީ އިޒްރޭލުގެ އާރާއިބާރު ފެނި ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެންދާ ކަމެއްކަމަށް ހީވާތީއެވެ. އެހެންވީމާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ދެކޮޅު ބަޔަކު އިޒްރޭލަކުން ނުފެނެއެވެ. ފެންނަނީ އެކަމަށް ތާއީދުކުރާ މީހުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ ރަހީނުންގެ އާއިލާތަކުންވެސް ތިބީ ހަނިއްޔާ އަވަހާރަކޮށްލުމަށް ތާއީދުކޮށްގެންނެވެ. މިވަގުތު އެމީހުންގެ ފަރާތުންވެސް ފެންނަނީ މި ސިފައެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ ހަނގުރާމަ ދިގުލައިގެން ދިޔައީމާ ރަހީނުން މިނިވަންކުރުމުގެ ފުރުސަތު ގެއްލޭކަމެވެ. ރަހީނުންނަކީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ މުޖާހިދުން ކުއްލިގޮތަކަށް އިޒްރޭލުގެ ތެރެއަށްވަދެ ރަހީނުކޮށްގެން ގާޒާއަށް ގެންދިޔަ އެތައްސަތޭކަ ބައެކެވެ. އޭގެތެރެއިން ގިނަބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.
ހަމާސްއާ މަޝްވަރާކޮށްގެން، ހަމާސްގެ ޝަރުތުތައް ފުރިހަމަކޮށްދީގެން މި އެންމެން މިނިވަންކުރުމަކީ ރަހީނުންގެ އާއިލާތަކުން ބާރުއަޅަމުން އަންނަ ކަމެކެވެ. މަޝްވަރާކޮށްގެން ހަމަލާތައް މެދުކަނޑާލައިގެން މިކަން ކުރުމަށް ނަތަންޔާހޫ ބޭނުން ނުވިއަސް ގިނަބަޔަކު މިކަމަށް އެދޭތީ މިކަން ވެފައިވަނީ ނަތަންޔާހޫގެ ބޮލުގައި ރިހެމުންދާ އެންމެބޮޑު ސިޔާސީ ރިހުމަށެވެ. ހަނިއްޔާގެ މަރުގެ މައްސަލައިގައި ހަމާސް ޖަމާއަތުގެ ވިސްނުން ބަދަލުކޮށް މަޝްވަރާގެ ދޮރު ބަންދުކުރީމާ ރަހީނުން ސަލާމަތާއި މިނިވަންކަމުގެ ދޮރުވެސް ބަންދުވީއެވެ. މިކަން ރަހީނުންގެ އާއިލާތަކަށް މޭރުންވާއިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ. ރަހީނުންގެ އާއިލާތަކަށް ނަތަންޔާހޫވެސް ޖަވާބުދޭނެއެވެ. ހަނިއްޔާ ދުނިޔެއިން ވަކިކޮށްލުމަށް ކަލޭމެންވެސް ތިބީ އެދިގެންނެވެ. އެކަންކޮށްފީމެވެ. އެކަންކުރީމާ ރަހީނުން މަރައި ހުސްކޮށްފިއެވެ. ދެން ކުރަންވީ މަޝްވަރާއެއް ނެތެވެ. އޮތީ ހަނގުރާމައެވެ. ފެށުނީއްސުރެވެސް ނަތަންޔާހޫގެ ވިސްނުމަކީ މިއީއެވެ.
ގާޒާޔާއި ހުޅަނގު އައްސޭރިޔާއި ލުބުނާނާއި ސީރިޔާ އާއި އީރާނުގައި އިޒްރޭލުގެ ހަތުރުން ދުނިޔެއިން ވަކިކުރުމަކީ ވަރަށް ކުރީއްސުރެ އިޒްރޭލުން ކުރަމުން އަންނަ ކަމެކެވެ. ކުރިއާ މިހާރާ ހުރި ތަފާތަކީ ރައްދު ދިނުމުގެ ކެރިކުޅަދާނަކަން އިޒްރޭލުގެ ހަތުރުންނަށް ލިބިފައިވުމެވެ. ކުރިން މި ގާބިލްކަމެއް ނެތެވެ. މިޒާތުގެ ކޮންމެ ކަތިލުމަކަށްފަހު ދެން އިޒްރޭލް އޮންނަނީ ބިރުން ފިލައެވެ. އެމެރިކާޔާއި ޔޫރަޕާއި އަވައްޓެރި އަރަބި ގައުމުތަކުގެ ދިފާއީ އައްޑަނައިގެ ދަށަށްވަދެ ބޮނދައިފައެވެ. އީރާނާއި ހިޒްބު ﷲ ގެ ފަރާތުން ބަދަލު ހިފުމުގެ ހަމަލާއެއް އަތުވެދާނެކަމުގެ ބިރަށް މުޅި އިޒްރޭލް އޮންނަނީ ނުނިދައެވެ. މިހިސާބަށް ކަންކަންދިޔައީ ތިމާމެން އަމިއްލައަށް ކުރިކަމަކުންކަން އެނގުނަސް އެކަމެއް ހަނދާނެއް ނުހުރެއެވެ. ހަނދާން ހުންނަނީ އަނެއްބަޔަކު ކުރިކަމަކާއި ކޮށްފާނެ ކަމަށް ހީވާ ކަންކަމުގެ މަތިންނެވެ. މިއީ އިޒްރޭލަށް ޖެހިފައިވާ ޒާތެއްގެ ބައްޔެކެވެ. ސަރުކާރަށްވެސް ޖެހިފައިވަނީ މި ބައްޔެވެ. އާއްމުންނަށްވެސް ޖެހިފައިވަނީ މި ބައްޔެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށެވެ. ހަމަލަދިނީ ސީދާ އީރާނަށެވެ. އެހެންވީމާ މިކަމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މިހާރު އެންމެން ބިރުން އެތިބީ އީރާނުން އިޒްރޭލަށް ދީފާނެ ހަމަލަޔަކާމެދުގައެވެ. އެފަދަ ހަމަލައެއް ހުއްޓުވައި އިޒްރޭލު ހިމާޔަތްކޮށްދިނުމަށް އެމެރިކާއިން އިތުރު މަނަވަރުތަކާއި މަތިންދާބޯޓާއި ސިފައިން މެދުއިރުމައްޗަށް ފޮނުވައިފިއެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ވައިގެ ފައުޖުތައްވެސް ތައްޔާރީ ހާލަތަށް ގެނެސްފިއެވެ. އެމެރިކާގެ އެންގުމަށް ސައޫދީ އަރަބިޔާ އާއި ޖޯޑަންގެ ވައިގެ ދިފާއީ ނިޒާމު ވަނީ އެލާޓަށް ގެނެސްފައެވެ. މިއީ ހައްތާވެސް އިޒްރޭލުގެ ހިމާޔަތުގައި ކުރާ ކަންކަމެވެ. މިކަންކަން މިހެންހުރީމާ އީރާނުން މިފަހަރު އަމަލުކުރާނީ މުޅިން ތަފާތު ގޮތަކަށް ކަމަށް ބެލެވެއެވެ. މިއަހަރުގެ އެޕްރީލްމަހު އިޒްރޭލަށް ފޮނުވައިލި ހަމަލަ އެބީދައިން ތަކުރާރު ނުކޮށް އެހެންގޮތެއް އިޚުތިޔާރު ކުރުން ކައިރިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ