ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ގެއްލުނީ ތެދަށްވުރެ ބޮޑަށް ދޮގު ހެއްދެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނުގެ ސަރުކާށް މިހާރު އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ ރައީސް ޔާމީނެވެ. ރައީސް މުއިއްޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ހައުސިން މިނިސްޓަރެވެ. ނަމަވެސް ރައީސް ޔާމީންގެ ޕީޕީއެމްގައި ހުންނެވުމަށްފަހު ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ޕީއެންސީއަށް ބަދަލުވެވަޑައިގެން ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ހޯއްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވެ، ޕްރޮގްރެސިވް ކޯލިޝަން ދޫކުރައްވައި ރައީސް ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއްވެސް އުފައްދަވައިފައެވެ.

އެ ޕާޓީގެ ހަރުގޭގައި ޕްރަންޓް އޮފީހުގެ ބައްދަލުވުމުގެ ގޮތުގައި ބާއްވާ ބައްދަލުވުންތަކުގައި އެންމެ ބޮޑަށް ފާޑު ކިޔަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައިވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް މުއިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަނީ ވަރަށްބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒާ ބެހޭގޮތުން ޕީއެންއެފުން ދައްކަނީ، ޒާތީ ވާހަކަތަކެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަނުދައްކައި، ކެރިގެން ސިޔާސަތަށް ފާޑުކިޔާކަށް އެބޭފުޅުންނަށް ކެރިވަޑައިނުގަންނަވާ ކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތަށް އެބޭފުޅުންނަށް ފާޑުކިޔެން ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެބޭފުޅުން ހަދަން ޖެހެނީ ހުސް ދޮގު ކަމަށާއި، ރައީސް ޔާމީންގެ ވެރިކަން ގެއްލުނީ ތެދަށްވުރެ ދޮގުހެދޭލެއް ބޮޑުވެގެން ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާ އިތުރަށް ވިދާޅުވީ، ކުރައްވަނީ ސިޔާސީ މަސައްކަތްކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސަ ކުދިން ލައްވައި ރައީސް މުއިއްޒާ ބެހޭގޮތުން ޒާތީ ވާހަކަ ދެއްކެވުން ކަމަށެވެ.

"ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރު ނެތިދަނީ ވެރިކަން ކޮށްފަ ތިއްބަވާ ބޭފެޅުން އެކަމަށް ދަހިވެތިވެފަވާލެއް ބޮޑުކަމުން، ރައީސް ޔާމީންގެ ފެންވަރު މިހާ ދަށުދަރަޖައަށް ދިއުމަކީ ލަދުވެތި ކަމެއް. މިއަށް ކިޔަނީ ޒާތީވުން،" ރައީސް ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓުގައި ޝުޖާ ވިދާޅުވިއެވެ.