ބާލީއަށް އެތެރެވާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު އިމިގްރޭޝަނުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ފަތުރުވެރިކަމަށް މަޝްހޫރު ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ބޮޑުތަނުން އިތުރުވުމާއެކު ބާލީގެ އިމިގްރޭޝަނުން ވަނީ ބޭރުން އެގައުމަށް އެތެރެވާ މީހުންގެ ސްކްރީނިންގެ މަރުހަލާތައް އިތުރުކުރުމަށް ނިންމައިފައެވެ.

ބާލީގެ ރީޖަނަލް އޮފީސް އޮފް ލޯ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަނުން ބާލީއަށް އެތެރެވާ މީހުންގެ ސްކްރީނިން އިތުރަށް ބެލުމަށް ނިންމާފައިވަނީ އެ ސަރަހައްދުގެ އަމާންކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވިގެން ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ބާލީގެ އިމިގްރޭޝަނުން ފަތުރުވެރިންގެ ޑޮކިއުމެންޓުތައް އިތުރަށް ބަލާނެ ކަމަށާއި ޕާސްޕޯޓާއި ވިސާ އަދި އެހެނިހެން ލިޔެކިޔުންތަކުގެ ސައްހަކަށް ކަށަވަރުކުރުމަށް އިތުރު ބެލުންތަކެއް ބަލާނެއެވެ.

މިއަހަރުގެ ފުރަތަމަ ހަތް މަހު ބާލީއަށް ވަނީ 3.89 މިލިއަން ފަތުރުވެރިން އެތެރެވެފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ބާލީއަށް އެތެރެވި މީހުންނަށްވުރެ އެއް މިލިއަން މީހުން އިތުރު އަދަދެކެވެ.