ހަރަދު ކުޑަކުރުމުގެ މަސައްކަތާއެކު މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ފެނަކަ ކޯޕަރޭޝަނަށް ފައިދާވި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއާޒް ވިދާޅުވީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރު ނިންމާލަން ޖެހުނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއްގައި ކަމަށެވެ.

"އަޅުގަނޑުމެން އައިސް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.2 މިލިއަން ރުފިޔާގެ ޕޮޒިޓިވް ފިގާއަކާއެކު އެ ކުއާޓަރު ނިންމާލީ. އެންމެ ފަހުން މި ނިމުނު ކުއާޓަރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 7.4 މިލިއަން ރުފިޔާގެ ޕޮޒިޓިވް ފިގާއަކާއެކު،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެއީ ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކާ އެކީގައި ނެރެވިފައި ހުރި ނަތީޖާތަކެއް ކަމަށާއި ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމާއި، ޖުމުލަގޮތެއްގައި ދޭ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކުރަމުން އަދި ވާރުތަވެފައި އޮތް ދަރަނި ވެސް ދައްކަމުން ނެރެވިފައި ހުރި ނަތީޖާތައް ކަމަށެވެ.

"އަޅުގަނޑުމެން ކުންފުންޏާ ހަވާލުވި އިރުގައި، ކުންފުނި އޮތް ހާލަތުން އަރައިގަތުމަށްޓަކައި ގޮންޖެހުންތަކަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މިދަނީ. އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި، އަޅުގަނޑުމެންގެ ތަންތަނުގެ ކޮންޑިޝަންސް ހުރި ގޮތް. މި ހުރިހާ ގޮންޖެހުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ނަތީޖާތަކެއް އެބަ ނެރެވޭ،" އޭނާ ވިދާޅުވިއެވެ.

މުއާޒް އިތުރަށް ވިދާޅުވީ ކުރީގައި ކަން ކުރިގޮތަށް ކުރިއަށްދިޔަ ނަމަ، މިއަދު އަނެއްކާވެސް މި ކުއާޓަރު ނިމޭ އިރުގައިވެސް އޮންނާނީ 50 މިލިއަން ރުފިޔާގެ ގެއްލުމުގައި ކަމަށެވެ.