ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމަށް އެ ކުންފުނިން އައިސް ޕްލާންޓާއި އޭޓީއެމް ހެދުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކަ އޮފީސް އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ އެ ކުންފުނިން ކުރަން ނުޖެހޭ ބޭކާރު ވަރަށް ގިނަ ހަރަދުތައް ފާއިތުވި އަހަރުތަކުގައި ކުރަމުންގެންދިޔަ ކަމަށެވެ. އެގޮތުން ފެނަކަ އިން ހަދަން ނިންމާފައިވާ އައިސް ޕްލާންޓްތައް ހަދަން ފިޝަރީޒް މިނިސްޓްރީ އާއެކު ސޮއިކުރި އެއްބަސްވުން 20 ފެބްރުއަރީ 2024 ގައި ބާތިލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އައިސް ޕްލާންޓުގެ ކަންތައްތައްް ފާހަގަކުރެވިފައި ހުރީ ލ. މާމެންދޫގައި. މާމެންދުގައި ހުރި އައިސް ޕްލާންޓެއް ގަނެފައި މި ހުންނަނީ ޕްރައިވެޓް ޕާޓީއެއްގެ އަތުން 11 މިލިއަން ރުފިޔާއަށް. ކޮންމެސް މިންވަރަކަށް ފައިސާ ދީފައި. އޭގެ އިތުރަށް އަނެއްކާވެސް ފެނަކަ އިން އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތްވެސް ކުރަމުން ދިޔައީ. އެހެންވީމަ ނިންމީ ގެއްލުންވާ އެއްވެސް ކަމެއް ނުކުރާނަމޭ. އޭގެތެރޭގައި އައިސް ޕްލާންޓުތައް އޮޕްރޭޓް ކުރުންވެސް ނިންމުމަކަށް މި ގެނައީ،" މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނަކަ ލައްވައި ކުރީގައި ކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި އޭޓީއެމް ހެދުންވެސް ހިމެނޭ ކަމަށާއި އެއީ އެ ކުންފުނިން ކުރަންޖެހޭ ހަރަދެއްވެސް ނޫން ކަމަށެވެ.

"އޭޓިއެމް ހެދުމުގެ ޕްރޮޖެކްޓުތައްވެސް އެތައް މިލިއަން ރުފިޔާއެއް ގެއްލުން ވެފައި ހުރިއިރުގައި އަސްލުގައި ކުރަންޖެހޭ ހަރަދެއްވެސް ނޫން. ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަކަށެއް އޭޓިއެމް އަޅައިގެން އެ ހިދުމަތް ދިނުން އެއީ ފެނަކަ އިން ކުރަންޖެހޭ ކަމެއް ނޫން" މުއާޒް ވިދާޅުވިއެވެ.

"އައިސް ޕްލާންޓެއްވެސް ނާޅާނެ، އޭޓިއެމްއެއްވެސް ނާޅާނެ. މީގެ ފަހުން އޭގެތެރެއަށް ވަދެ އެކަން ކޮށްފައި އޮތް އޮތުންވެސް ނިމުމަކަށް މި ގެނައީ. ކޮސްޓް ޑައުންކޮށް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެންގެ ދަރަނި އިތުރުކުރެވޭނެ ކަންތައްތައް މިހާރު އަޅުގަނޑުމެން ހުއްޓާލީ" މުއާޒު ވިދާޅުވިއެވެ.