ފެނަކަ ކޯޕަރޭޝަންގެ އިންސްޕެކްޝަނުން 144 ރަށެއްގެ މަގުބައްތި ގަވާއިދާ ހިލާފަށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކަ އިން އިންސްޕެކްޝަނެއް ފަށާފައިވަނީ ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވުމާ ގުޅިގެންނެވެ. އޭނާ ކަރަންޓުގައި ޖެހުނީ، މިދިޔަ މެއި މަހު އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށެވެ. އެ މައްސަލަ ބެލުމަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ވަނީ މިދިޔަ މަހު 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފައެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުބައްތިތަކުގެ އިންސްޕެކްޝަނެއް ހެދުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށާއި އެއީ ޔޫއާރުއޭ އިން ނުވަތަ އެއްވެސް ފަރާތަކުން އަންގައިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއް ނޫން ކަމަށެވެ.
"ގަވާއިދަށް ނުފެތޭ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ 144 ރަށް މިވަގުތު ވެސް. ޔޫއާރުއޭގެ މިންގަނޑަށް ނުފެތޭ ގޮތަށް މަގުބައްތި ހުރިކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ އެ ހާދިސާ ހިނގިތާ ފަސް ދުވަސްތެރޭ ފެނަކަ އިން އިންސްޕެކްޝަން ފަށާފައިވާނެ ކަމަށާއި އެއަށްފަހު މިންގަނޑާ ހިލާފަށް ހުރި ތަންތަނުން އެކަންކަން ރަނގަޅުނުކޮށްފި ނަމަ، ޖޫން މަހުގެ ނުވަވަނަ ދުވަހު ހިދުމަތް މެދުކަނޑާލާނެކަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ގިނަ ކައުންސިލުތަކުގެ އެދުމުގެ މަތިން އެއް މަސްދުވަހަށް އިތުރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއް މަސް ދުވަސް ހަމަވާ ދުވަހަކީ މިއަދު. އަޅުގަނޑުމެން މި ނިންމުން ނިންމުމުގެ ވެސް މާފަހުން ޔޫއާރުއޭ އިން މި އަންގަނީ މި ސްޓްރީޓްލައިޓުތައް ހަމަ މަގަށް އަޅުވާށޭ. ޔޫއާރުއޭ އިން އެގޮތަށް އަންގާފައި އޮތުމާއެކީގައި އަޅުގަނޑުމެން މި އެކްސްޓެންޑް ކުރަނީ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ފުރުސަތެއް މި ދެނީ ކައުންސިލުތަކަށް މި ކަންތައްތައް ރަނގަޅުކުރުމަށް،" އޭނާ ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިގެ ފަރާތުން މަގުބައްތިތައް ޔޫއާރުއޭގެ މިންގަނޑަށް ފައްތަން ބޭނުންވާ ނަމަ، ކައުންސިލުތަކުން މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެކަން އަންގަންވާނެ ކަމަށާއި ނަމަވެސް ނާންގައިފި ނަމަ، ދެން އެކަމެއް ކުރަން ޖެހޭނީ ކައުންސިލުތަކުން އަމިއްލައަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު