ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރިޕޯޓު ކުރި ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރަތްކުލައިގެ ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި އައިސް ކޮންޓްރޯލުނުވެ، މަގުގެ އެއްފަޅީގައި ސައިކަލުމަތީ އިން ފިރިހެން މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވާ ތަން ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ސައިކަލު މަތީގައި އިން މީހާ ވިއްސާއިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ދޮރުމައްޗަށް އެމީހާ ވެއްޓޭތަންވެސް ފެނެއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ވަރަށް ފަހުން މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. އަދި މިއަދު ހިނގި އެކްސިޑެންޓުގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، އަތެއް އަދި ފައެއްވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު "ވަން" އަށް ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންގެންދާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ބަލަަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ، އެކްސިޑެންޓްވުމުން ފިލާފައިވާ ކަމަށާއި އެ މިހާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.