މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ މަތިވުމާއެކު ޖުމުލަ އާމްދަނީވެސް މައްޗަށް ޖެހިލައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އާއެކު ޖުމުލަކޮށް ލިބިފައިވަނީ 5.8 ބިލިއަން ރުފިޔާއެވެ.
އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 12.6 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިއީ ކުރިން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއާ އަޅާބަލާއިރު 10.7 ޕަސެންޓުގެ ދަށްވުމެކެވެ.
މީރާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުގެ ގޮތުގައި 236 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ އެ މުއްދަތުގައި ލިބުނު ޖުމުލަ އާމްދަނީ 62 ޕަސެންޓެވެ.
މީރާ އިން ބުނީ، ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 5.2 ޕަސެންޓް އިތުރުވުމުން ކަމަށެވެ.
އެއާއެކު އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އަދަދު 23 މިލިއަން ޑޮލަރު އިތުރުވެފައިވާއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 4.52 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ހިސާބުތައް ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު