ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ފުޓުބޯޅައިގެ މަޝްވަރާތަކެއް ފަށައިފިއެވެ.

އެ މަޝްވަރާތައް ރައީސް އޮފީހުގައި ކުރިއަށް ގެންގޮސްފައިވާކަން، ބައްދަލުވުމަށް ދިޔަ ފަރާތެއް "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީންކޮށްދެއްވައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ފުޓުބޯޅަ ހާލަތަށް މަޝްވަރާކުރަން ރައީސްގެ ފަރާތްޕުޅުން، ބައިވެރިވެވަޑައިގެންނެވީ ރައީސް އޮފީހުގެ މިނިސްޓަރެކެވެ. އެ މަޝްވަރާތައް އެކި ފަހަރުމަތިން މިހާރު ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ މީހުން ވަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ.

ބައްދަލުވުންތަކުގައި ބައިވެރިވި ބައެއް މީހުންގެ ތެރޭގައި ކުރީގެ ފުޓުބޯޅަ ކެޕްޓަން، ކުޅިވަރު ލެޖެންޑް މުހައްމަދު ކަލީމާއި ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރަކަށް ކުރިން ކުޅުނު މައުރޫފް އަހުމަދު (މާއްޓޭ)، ކުރީގެ އެއްވަނަ ފޯވަޑް އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ އަހުމަދު މުހައްމަދު (ދޮނާ) ހިމެނެއެވެ.

އެފްއޭއެމް މިވަގުތު ފީފާއިން ނޯމަލައިޒް ކޮށްފައިވާ އިރު، ފީފާ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ފީފާ ސްޓެޓަސްގެ އާޓިކަލް އަށެއްގެ ޕެރެގްރާފް ދެއަކަށް ރިއާޔަތްކޮށް ރާއްޖޭގެ ފުޓުބޯޅަ އިދާރާ ނޯމަލައިޒޭޝަން ކޮމިޓީއަކުން ހިންގުމަށް ކަމަށެވެ. ފީފާއިން ބުނެފައިވަނީ ރާއްޖޭގެ އެފްއޭ ނޯމަލައިޒް ކުރަން ނިންމާފައިވަނީ އޭއެފްސީގެ ލަފާގެ ވެސް މަތިން، އިދާރާ ހިންގުމުގެ ކަންކަން ހަމަ މަގަށް އަޅުވައި، ފައިސާގެ މައްސަލަތަކަށް ވެސް ހައްލު ހޯދުމަށް ކަމަށެވެ.

ފީފާއިން ރާއްޖޭގެ އެފްއޭ ނޯމަލައިޒް ކުރަން ނިންމާފައިވަނީ މަސައްކަތްތައް ނިމެންދެންނެވެ. އެހެން ނަމަވެސް، އެންމެ ލަސްވެގެން ވެސް އެ މަސައްކަތްތައް 31 ޖުލައި 2025 ގެ ކުރިން ނިންމަން ފީފާއިން ޝަރުތު ކޮށްފައިވެއެވެ.

ރާއްޖޭގެ އެފްއޭ ވެސް ފީފާ އާއި އެފްއޭއެމް ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއެއްގެ މެމްބަރުންނާ ހަވާލުކުރަން ނިންމާފައިވާ އިރު، އެ މެމްބަރުން އައްޔަންކުރާނީ ފީފާއިން ހާއްސަ ކަންތައްތަކަށް ބަލައި، ހާއްސަ ރިވިއުތަކެއް ހެދުމަށްފަހު، ފީފާގެ އުސޫލުތަކާއި ހަމަތައް ކުރިއަށް ނެރޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އައްޔަން ކުރާނެ މީހެއް އަދި ޔަގީންވެފައިނުވާ އިރު، އެ މަގާމަށް އަންނާނެ ކަމަށް ބައެއް ނަންތައް މީޑިއާއަށް ދަނީ ތިލަވަމުންނެވެ. އެހެންނަމަވެސް، އެކަމުގެ ފަހު ބަސް ބުނާނީ ފީފާއިންނެވެ.

ރައީސް މުއިއްޒު ފުޓުބޯޅައަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމަކީ ރަނގަޅު ފާލެއް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެފައިވެއެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވި، ބައެއް މީހުން ބުނެފައިވަނީ އެއީ މުހިއްމު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، އެކަމާ ދެކޮޅަށްވެސް ހިޔާލުތައް އެބަހުއްޓެވެ. "ވަން ސްޕޯޓްސް"އާ ވާހަކަދެއްކި ފުޓުބޯޅައިގެ ތަޖުރިބާކާރަކު ބުނީ މީގެ ކުރިންވެސް ސަރުކާރަކުން ފުޓުބޯޅައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ކޮންމެ ފަހަރަކު އެކަން ވެފައިވަނީ ފެއިލިއާއަކަށް ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު އިންތިހާބުގައި އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް، އެފްއޭއެމް ރައީސް އިންތިހާބަށް ވަކި މީހަކު ގެންނަން ކުރެއްވި މަސައްކަތް ކާމިޔާބުނުވެ، ފުޓުބޯޅައަށް ނޭދެވޭ އަސަރުކުރި ކަމަށް ނަން ހާމަކުރަން ބޭނުންވާ ފަރާތަކުން ބުނެފައިވެއެވެ.

އަދި އޭގެފަހުން ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ދައުރުގައި ކްލަބުތަކަށް އެސްއޯއީ މެދުވެރިކޮށް ފައިސާ ދިން ހިސާބުންވެސް ފުޓުބޯޅައަށް ކުރީ ނޭދެވޭ އަސަރު ކަމަށްވެސް "ވަން ސްޕޯޓްސް"އާ ވާހަކަ ދެއްކި ފަރާތުން ފާހަގަކުރިއެވެ. އެ ފައިސާއިން ކްލަބުތައް ނުހިންގި، އިދާރާ ހިންގުން ބޮއްސުންލައިގެން ގޮސް، މިއަދުގެ ހާލަތަށް ވެއްޓުމަށް މެދުވެރިވުމާއި ކޮރަޕްޝަން އިތުރުވި ކަމަށްވެސް އޭނާ ބުންޏެވެ.

"ވަން ސްޕޯޓްސް"އަށް އެ ފަރާތުން އިތުރަށް ބުނީ މިދިޔަ ވެރިކަމުގައި ދިމާވި ފައިސާގެ ހާލަތުން ކްލަބުތަކަށް ފައިސާ ނުދެވި، ފުޓުބޯޅަ ހުއްޓުނު ކަމަށާއި، މި ކަންކަމުން އެނގެނީ ސަރުކާރުން ފުޓުބޯޅައަށް ވަނުން އެންމެ ރަނގަޅު ނޫންކަން ކަމަށެވެ. އަދި މިހާރު އެފްއޭއެމްއަށް ބޭނުންވާ ހައްލު ހޯދަން، ވޯޓު ދިނުމުގެ ހައްގު އޮންނަ ފަރާތްތައް މުރާޖައާކޮށް، ޕްރޮކިއުމެންޓް ޕޮލިސީތައް ބަދަލުކޮށް، ހިންގާ ގަވާއިދު ސްޕޯޓްސް ކޮމިޝަނަރުވެސް އެއްބަސްވާ ގޮތަށް ބަދަލުކުރުން ނޫން ހައްލެއް ނެތް ކަމަށްވެސް "ވަން ސްޕޯޓްސް" އާ ވާހަކަ ދެއްކި ފުޓުބޯޅަ ލެޖެންޑް ބުންޏެވެ.