ސާފިން އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ ސާފިން ލީގުގެ ދެވަނަ އިވެންޓް، "މުލީކޮޅު ރާޅުގަނޑު" ގެ އޯޕަން ބައިގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހައްނާން ހޯދައިފިއެވެ.

ދިވެހި ސާފް ލީގުގެ ފިރިހެން އޯޕަން ޑިވިޝަންގެ އެއްވަނައިގައި 1000 ޕޮއިންޓާއެކު ނަޖާހު މުހައްމަދު (ކަނބޯ) އޮތް އިރު، ދެވަނައިގައި މިވަގުތު އޮތީ ހޫދު އަހުމަދެވެ. އެ ދެ ރާޅާ އެޅުންތެރިންނަކީވެސް ގދ. ގައްދުއަށް ނިސްބަތްވާ ދެ އެތުލީޓުންނެވެ. ތިންވަނައިގައި މާލެއަށް ނިސްބަތްވާ އިސްމާއިލް މިގްލާން 730 ޕޮއިންޓާއެކު އޮތް އިރު، ސްމައިލީ ވަނީ މުލީކޮޅު ކާމިޔާބުކޮށް، އޭނާއާ އެއްވަރަށް ޕޮއިންޓް ހޯދައިފައެވެ.

ސާފް ލީގުގެ ޖޫނިއާ ބައިގެ އެއްވަނައިގައި ކަޔާން އަބްދުﷲ އަރީފް އޮތް އިރު، ދެވަނައިގައި އޮތީ މުހައްމަދު އިނާނެވެ. އޭނާ ވަނީ މުލީކޮޅު ޖޫނިއާ ޗެމްޕިއަންކަން ހޯދައި، 860 ޕޮއިންޓް ހޯދައިފައެވެ. ކަޔާން އެއްވަނައިގައި އޮތީ 1000 ޕޮއިންޓާއެކުގައެވެ.

މ. އަތޮޅު މުލީގައި މިދިޔަ ހޮނިހިރު ދުވަހު ނިމުނު އިވެންޓުގައި ޖުމުލަ 40 އެތުލީޓުން ވާދަކުރިއެވެ. އެތުލީޓުން ވާދަކުރީ ދެ ކެޓަގަރީއަކުންނެވެ. އެއީ ފިރިހެން ޝޯޓް ބޯޑު ކެޓަގަރީއާއި ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ޝޯޓްބޯޑު ކެޓަގަރީގައެވެ. މިފަހަރު ފިރިހެން ޝޯޓްބޯޑު ކެޓަގަރީގައި 24 ސާފަރުން އަދި ޖޫނިއާ ކެޓަގަރީގައި 23 ސާފަރުން ވާދަކުރިއެވެ. މުބާރާތުގައި އެންމެ ފާހަގަވެގެންދިޔަ ކަމަކީ މުލިން ގިނަ އަދަދެއްގެ ޖޫނިއާ އެތުލީޓުން ވާދަކުރުމެވެ. މިފަހަރު މ. މުލިން 11 ޖޫނިއާ ސާފަރުން ވާދަކުރި އިރު، އޭގެ ތެރެއިން 10 ސާފަރުންނަކީ މުޅިން އަލަށް ލީގު އިވެންޓެއްގައި ވާދަކުރި ސާފަރުންނެވެ.

މިފަހަރު ޖޫނިއާ ބައިގެ ޗެމްޕިއަންކަން އިނާން ހޯދީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ. އިނާން 10.50 ގެ ސްކޯއެއް ހޯދި އިރު، ޔާސިންއަށް ހޯދުނީ 7.67 ގެ ސްކޯއެކެވެ.

ފިރިހެން އޯޕަން ޗެމްޕިއަންކަން ސްމައިލީ ހޯދީ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ބަލިކޮށްގެންނެވެ. ސްމައިލީ ވަނީ 13.00 ގެ ސްކޯއެއް ހޯދައިފައެވެ. ކަޔާނަށް ހޯދުނީ 11.00 ގެ ސްކޯއެކެވެ.