އޮސްޓްރޭލިއާއިން މީގެ 55 އަހަރު ކުރިން ގެއްލުނު ބޯޓެއް ކަނޑުގެ އަޑިން ފެނިއްޖެއެވެ.

މީގެ 55 އަހަރުގެ ކުރިން 26 މީހުންނާ އެކު ގެއްލުނު އޮސްޓްރޭލިއާ އަށް ނިސްބަތްވާ އެމްވީ ނޫންގަހް ގެއްލިފައި ވަނީ އެގައުމުގެ ނިއު ސައުތް ވޭލްސް އިން ދަގަނޑު ބަރުކޮށްގެން ފުރިފަހުން ކަމަށް އޮފިޝަލުން ބުނެއެވެ.

233 ފޫޓުގެ ދިގުމިން ހުރި އެބޯޓު ހޯދުމަށް މިހާތަނަށް ހިންގި އޮޕަރޭޝަނަކީ އޮސްޓްރޭލިއާއިން ހިންގި އެފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓު ގެއްލުނު ފަހުން އެއޮޕަރޭޝަންގައި އޭގެން ދަތުރުކުރި 26 މީހުންގެ ތެރެއިން ފަސް މީހަކު ކަނޑުމަތިން ވަނީ ފެނިފައެވެ.

އޮފިޝަލުން ވަނީ ނުފެންނަ 21 މީހުން ބޯޓާ އެކު އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ބޯޓު އޮތް ސަރަހައްދު ހޯދުމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ސައިންސުވެރިންގެ ޓީމަކުން ވަނީ އެކި ސަރަހައްދުގެ ކަނޑުގެ އަޑީގެ މެޕުތައް ކުރަހައިގެން އެބޯޓު ހޯދައިފައެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ބޯޓާ ގުޅޭ އިތުރު ބެލުންތަކެއް ބެލުމަށް ބޯޓު އޮތް ސަރަހައްދަށް އަޑިއަށް ފީނުމަށް ނިންމައިފައެވެ.