ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު ބާތިލުކުރަން ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހަޅުއްވާފައިވާތީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމެއް ނީއްވިއެވެ.

މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. ނަމަވެސް އަޑުއެހުން ފެއްޓެވުމަށްފަހު މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުގެ ތެރެއިން، ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ، އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކުރެއްވުމަށް މި މަހުގެ 24 ވަނަ ދުވަހު ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެއަށްފަހު ފަނޑިޔާރު ފުރުސަތު ދެއްވީ ބަންޑާރަ ނާއިބުގެ އޮފީހުގެ ފަރާތުން އެ އަޑުއެހުމުގައި ބައިވެރިވެ ވަޑައިގެންނެވި ސްޓޭޓް ކައުންސިލް އަހުމަދު ނަޝާތަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން ކޮށްފައިވާ ހުކުމާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި މައްސަލައާ ގުޅުން ހުރި ގާނޫނީ ނުކުތާތައް އަލުން މުރާޖައާކުރުމަށްފަހު އެ މައްސަލައަކީ އަބުރާ ގެންދިއުމަށް ފެންނަ މައްސަލައެއް ކަމަށް ބަންޑާރަ ނާއިބު ނިންމަވާފައިވާތީ، އެގޮތަށް ނިންމަވައިދެއްވުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު އާއިޝާ ޝުޖޫން ދެން ފުރުސަތު އެރުވީ އެ މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. އެ އޮފީހުގެ ވަކީލު ވިދާޅުވީ، ބަންޑާރަ ނާއިބު އެދިލައްވާފައިވާ ގޮތަށް އެ މައްސަލަ އަނބުރާ ގެންދިއުމާމެދު އިއުތިރާޒެއް ނެތް ކަމަށެވެ.

އެހެންކަމުން އިދާރީ ގޮތުން އެ މައްސަލަ ބާތިލުކުުރުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށާއި އިތުރު އަޑުއެހުމެއް ނުބާއްވައި، އެކަމާގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތެއް ދެ ފަރާތަށް އަންގަވާނެ ކަަމަށް ވިދާޅުވެ، ފަނޑިޔާރު ޝުޖޫނު އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.

މި މައްސަަލައަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ޖުމުލަ އަދަދާއި ނަމާއި އެ ދަތުރުގައި ބައިވެރިވި ހައިސިއްޔަތާއި ދަތުރަށް ޖުމުލަ ހަރަދުވި މިންވަރާއި ވަކިވަކި ކަންކަމަށް ހަރަދުވި މިންވަރު ތަފުސީލުކޮށް އެނގޭނެހެން ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ އެއް ހިއްސާދާރު އަދި މިހާރުގެ މަޖިލިސް މެންބަރު އަހުމަދު އަޒާން އޭރު ހުށަހެޅި މައްސަލައެކެވެ.

އެ ދަތުރުފުޅުގެ ހަރަދާއި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތައް ހިމެނޭ ލިސްޓެއް އެ މައުލޫމާތު ހޯދުމަށް ހުށަހެޅުއްވި ފަރާތައް ރައީސް އޮފީހުން ފޯރުކޮށްދިން ނަމަވެސް ހަރަދުތަކުގެ ރަސީދުތައް ލިބިފައިނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މުރާޖައާ ކޮމިޓީއަށް 31 އޮކްޓޯބަރު 2021 ގައި އަޒާންގެ ފަރާތުން އެ މައްސަލަ ހުށަހެޅިއެވެ.

ނަމަވެސް ރައީސް އޮފީހުގެ މުރާޖައާ ކޮމިޓީން 15 ޑިސެމްބަރު 2021 ގައި ނިންމި ނިންމުމުގައި ވަނީ ސަރުކާރުން ކުރި ހަރަދުތަކާގުޅޭ ރަސީދުތަކަކީ އޭގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ކަމުގައިވާތީއާއި ސަލާމަތީ ސަބަބުތަކަށްޓަކައި ސިއްރުކުރުމަށް ރައީސް އޮފީހުން ނިންމާފައިވާ ލިޔުންތަކެއް ކަމުގައިވާތީ އެ ރަސީދުތައް ދެވެން ނެތް ކަމަށެވެ.

މުރާޖައާ ކޮމިޓީގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މައުލޫމާތު ހޯދުމަށް އެދުނު ފަރާތުން އެ ނިންމުން އިލްތިމާސް ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 15 ޖަނަވަރީ 2022 ގައި ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އެ އޮފީހުން 27 ފެބްރުއަރީ 2022 ގައި އެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ސަލާމަތީ ސަބަބުތަކަށްޓަކައި އުނިކުރަންޖެހޭ މައުލޫމާތު ހުރި ނަމަ އެ މައުލޫމާތެއް އުނިކުރުމަށްފަހު އެދިފައިވާ މައުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް، ރަސްމީ ފަސް ދުވަހުގެ ތެރޭގައި ދިނުމަށް ކަނޑައެޅިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ހުކުމް ކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަަމަށް ކަނޑައަޅައި، އެ ނިންމުމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިހާރު މި ކުރިއަށްދަނީ އެ މައްސަލައިގެ އިސްތިއުނާފެވެ.

މި މައްސަލަ މިމަހު 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުންވެސް ބަންދޑާރަނާއިބު އޮފީހުން ބުނެފައިވަނީ، ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ކުއްލިއަަކަށް މި މައްސަލަ ބާތިލްކުރަން ބަންދާރަނާއިބު ހުށަހަޅާފައި މިވަނީ، މިހާތަނަށް މި މައްސަލައިގައި ގެންގުޅުއްވި ސްޓޭންޑް ބަދަލު ކުރައްވައި އެ މައްސަލައިގައި ބުނާ ރެސީދުތައް ހާމަ ކުރައްވަން ނިންމެވުމަށްފަހުގައެވެ.