ސާފިން އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސާފިން ލީގުގެ ދެވަނަ އިވެންޓް، "މުލީކޮޅުރާޅުގަނޑު" އިއްޔެ ފަށައިފިއެވެ.
މ. އަތޮޅު މުލީގައި އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ އިވެންޓުގައި ޖުމުލަ 40 އެތުލީޓުން ވާދަކުރެއެވެ. އެތުލީޓުން ވާދަކުރަމުންދަނީ ދެ ކެޓަގަރީ އަކުންނެވެ. އެއީ ފިރިހެން ޝޯޓް ބޯޑު ކެޓަގަރީއާއި ފިރިހެން 18 އަހަރުން ދަށުގެ ޖޫނިއާ ޝޯޓްބޯޑު ކެޓަގަރީގައެވެ.
މިފަހަރު ފިރިހެން ޝޯޓްބޯޑު ކެޓަގަރީގައި 24 ސާފަރުން އަދި ޖޫނިއާ ކެޓަގަރީގައި 23 ސާފަރުން ވާދަކުރަމުންދާއިރު ދެ ކެޓަގަރީގެވެސް ފުރަތަމަ ބުރުގެ ހީޓްތައް އިއްޔެ ވަނީ ނިމިފައެވެ. މިފަހަރު މުބާރާތުގައި އެންމެ ފާހަގަވެގެންދާ ކަމަކީ މުލިން ގިނަ އަދަދެއްގެ ޖޫނިއާ އެތުލީޓުން ވާދަކުރުމެވެ.
މ. މުލިން 11 ޖޫނިއާ ސާފަރުން ވާދަކުރަމުންދާ އިރު، އޭގެ ތެރެއިން 10 ސާފަރުންނަކީ މުޅިން އަލަށް ލީގު އިވެންޓެއްގައި ވާދަކުރަމުންދާ ސާފަރުންނެވެ.
"މުލީކޮޅުރާޅުގަނޑު"ގައި އިއްޔެ ކުރިއަށްދިޔަ ހީޓްތަކަށް ބަލާއިރު، ފިރިހެން ޝޯޓްބޯޑު ހީޓް އެކެއްގެ އެއްވަނަ ހޯދީ ނަޖާހު މުހައްމަދު (ކަބޯ) އެވެ. އޭނާއަކީ ގދ. ގައްދުއަށް ނިސްބަތްވާ ސާފަރެކެވެ. ހީޓް ދޭއްގެ އެއްވަނަ ކ. ތުލުސްދޫގެ އަހުމަދު އާގިލް (އަންމަޑޭ) ހޯދި އިރު، ހީޓް ތިނެއް ގެންދިޔައީ ގައްދޫގެ އިސްމާއީލް ރަޝީދު (ސްމައިލީ) އެވެ. ހީޓް ހަތަރެއް މާލެއަށް ނިސްބަތްވާ އިސްމާއީލް މިގްލާލް ކާމިޔާބު ކުރި އިރު، ހީޓް ފަހެއް ކާމިޔާބު ކުރީ ގދ. ވާދޫގެ އަހުމަދު ލުޒައިލްއެވެ. ހީޓް ހައެއް ކާމިޔާބުކުރީ ގައްދޫގެ ހޫދު އަހުމަދެވެ.
ޖޫނިއާ ހީޓްތައްވެސް ފޯރިގަދަކޮށް ގޮސްފައިވާ އިރު، ހީޓްތައް ކާމިޔާބުކުރީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާއި އަހުމަދު ޒަޔާން، އަހުމަދު ލުޒައިން، ޔާސީން އަހުމަދު ނާޝިދު އަދި އިނާން އަބްދުލް ހައްނާނެވެ.
މިއަދުވެސް "މުލީކޮޅުރާޅުގަނޑު" ކުރިއަށްދާނެއެވެ. މިފަހަރުގެ ޗެމްޕިއަނުންނަށްވެސް ދިވެހި ސާފް ލީގުގައި ކުރިއަށް ޖެހިލަން ބޮޑު ފުރުސަތެއް އޮތްއިރު، މި އަހަރުގެ ފުރަތަމަ އިވެންޓް ކަމަށްވާ ގދ. ގައްދޫގެ ކަޅެގަލެކޮޑާ އިވެންޓް ވަނީ ފެބްރުއަރީ މަހު ނިމިފައެވެ. އެ އިވެންޓްގެ ފިރިހެން އޯޕަން ޝޯޓްބޯޑު ޗެމްޕިއަނަކީ ކަބޯއެވެ. ޖޫނިއާ ޗެމްޕިއަނަކީ ކަޔާނެވެ.
ސާފިން
ސާފިން
ސާފިން
ސާފިން