ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސްވެރިން ކިރުވި މަހަށް ނުދެވި ހުރި، ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯގެ ސީއެސްއާރު، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ފައިސާއަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި 125 ޓަނަށްވާ ދެ މިލިއަން ރުފިޔާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި މިހާރު ބެކްލޮގްގައި އޮތީ، 319،632 ރުފިޔާ ކަމަށެވެ.

މިފްކޯއިން މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ، މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ 53 މިލިއަން ރުފިޔާއެވެ.

މިފްކޯއިން މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަސް ގަންނަމުން އަންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު އުޅޭ މިންވަރަށް ބަލައިގެންނެވެ.

މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއްކަމުން މިފްކޯއަށް ކިރާ މަހުގެ އަދަދުވެސް ވަނީ ވަަރަށް ބޮޑަށް ދަށްވެފައެވެ. އެކަމުގެ ސަބަބުން މިފްކޯގެ ފިހާރަތަކުން ދަޅު މަސް ފިޔަވައި ކަނޑުމަހުގެ ގިނަ ބާވަތްތައް މިހާރު ވަނީ އެއްކޮށް ހުސްވެފައެވެ.