ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް، އެ ރިސިޓްތައް ހާމަކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނިންމައިފިއެވެ.
ރައީސް ސޯލިހުގެ އެ ދަތުރުފުޅަކީ އދ. ގެ ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ، އެ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް)އިން ވަނީ ރައީސް އޮފީހަށް އަންގައިފައެވެ.
ނަމަވެސް އައިކޮމްގެ އެ އެންގުން ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައި ކޯޓުން ވަނީ އައިކޮމްގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ އެޓާނީ ޖެނެރަލްއަކަށް އިބްރާހިމް ރިފްއަތު ހުންނެވި އިރުއެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގައި ވެސް އޭޖީ އޮފީހުން ނުވަތަ ދައުލަތުން ވަކާލާތު ކުރީ ރައީސް ސޯލިހުގެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރަން ނުޖެހޭނެ ކަމަށާއި އެ ދަތުރުފުޅުގެ ހަރަދުތައް ކުރިން ވަނީ އާންމުކޮށްފައި ކަމަށެވެ.
ނަމަވެސް އޭޖީ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައަކީ، މައިގަނޑު ގޮތެއްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ހައިކޯޓުން މާނަ ކޮށްވާފައިވާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް އިސްތިއުނާފު ކުރި މައްސަލައެއް ކަމުގައި ވީނަމަވެސް، ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންދާ އެ އެ އިސްތިއުނާފީ މައްސަލަ އަނބުރާ ގެންދަން ނިންމައިފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާނެ ކަމަށް އޭޖީން ބުންޏެވެ. އަދި ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސް އޮފީހަށް ލަފާ އަރުވާފައިވާނެ ކަމަށް އޭޖީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު