ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލައިގައި 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފިއެވެ.
އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން، އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ ފަރުވާދެމުންދަނިކޮށް މަރުވީ އެ ރަށުގެ 18 އަހަރުގެ ހުސެއިން އަތީކެވެ. އޭނާ މަރުވީ މިިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހުގައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ހަމަ އެ ދުވަހު އެ އޮތޯރިޓީން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައިފައި ކަމަށެވެ.
ޔޫއާރްއޭއިން ބުނީ އެ މައްސަލައިގެ ތަހުގީގަށް ކަން ހިނގައިދިޔަ ގޮތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކައިން ސާފުކޮށްފައިވާނެ ކަމަށެވެ. ތަހުގީގުން ފާހަގަވި ގޮތުގައި އެ މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތި ތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކެޓް ބްރޭކަރު (އީއެލްސީބީ) އާއި މިނިއޭޗާ ސާކިޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުން ކަމަށް ޔޫއާރްއޭއިން ބުންޏެވެ.
އަދި، ތަހުގީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކައިން ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސާކެޓް ބްރޭކަރު (އީއެލްސީބީ) ހަރުކުރެވިފައެއް ނުވާ ކަމަށް ޔޫއާރްއޭއިން ބުންޏެވެ.
"ދެންނެވުނު ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާ މެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި މި އޮތޯރިޓީގެ ތަހުގީގުން ސާބިތުވީ ހިނދު، ގާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 50,000/- (ފަންސާސް ހާސް ރުފިޔާ) އިން 22 ޖުލައި 2024 ގައި އެ ކޯޕަރޭޝަން ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އޮތޯރިޓީއަށް ދެއްކުމަށް އެފަރާތަށް ވަނީ އެންގިފައެވެ." ޔޫއާރްއޭއިން ބުންޏެވެ.
އަދި ބުނީ އެފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އީއެލްސީބީ އާއި އެމްސީބީ ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަންގާފައިވާނެ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ފެނަކައަށް އަންގާފައިވާނެ ކަމަށް ޔޫއާރްއޭއިން ބުންޏެވެ.
ކަރަންޓުގައި ޖެހި މީހަކު މަރުވި އެ ހާދިސާއަށްފަހު ފެނަކައިން ވަނީ ހުރިހާ ރަށެއްގެ ހޮޅިދަނޑީގެ ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންސްޕެކްޝަނަށްފަހު ފެނަކައިން ބުނެފައިވަނީ ގިނަ ހޮޅިދަނޑިތަކުގެ ކަރަންޓުގެ ރައްކާތެރިކަން ހުރީ ހުންނަންޖެހޭ ގޮތަށް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު