އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަކަށް އަމަލުނުކޮށްގެން، އެ އޮފީހުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި ރައީސް އޮފީހާ ގުޅޭ މައްސަލައިގައި ޖިނާއީ އަމަލެއް ހިމެނޭތޯ ތަހުގީގު ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ފުލުސް އޮފީހަށް މިއަދު ވަނީ ފޮނުވައިފައެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މައުލޫމާތު ނުދީގެން، ޖިނާއީ ދައުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅައި، އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފު ނުކޮށް އަދި އެ ނިންމުމަށް އަމަލުނުކޮށް، 45 ދުވަސް ފާއިތުވެއްޖެ ނަމަ، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އެ ފަރާތަކާމެދު އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕީޖީ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަހުމަދު ވ. ރައީސް އޮފީސް މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން އިސްތިއުނާފު ނުކުރައްވައި އަދި އެ ނިންމެވުމަށް އަމަލުވެސް ނުކުރައްވައި 45 ދުވަސް ފާއިތުވެފައިވާތީ، ކަމާބެހޭ ލިޔުންތަކާ އެކު އެ މައްސަލަ އެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާތީ އާއި ތަހުގީގުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، ގާނޫނީ ގޮތުން ލިބިދޭ ހައްގުތައް ލިބިދީގެން ހިންގާ ތަހުގީގެއް ކަމަށާއި އެ ތަހުގީގު ހިންގުމުގެ ބާރު، ގާނޫނީ ގޮތުން ލިބިދެނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކަމަށް ބުންޏެވެ.
އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ބަލައި، ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ ތަހުގީގުކޮށް ތަހުގީގީ ހޯދުންތަކާ އެކު ފޮނުވައިދިނުމަށް ފުލުސް އޮފީހުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު