ހުޅުމާލޭގައި ފުޑް ޓްރަކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ފުޑް ޓްރަކްތައް ހިންގާނީ "ފިކްސްޑް ފީ" މޮޑެލްއަކަށް ކަމަށާއި ނަމަވެސް އެ ނޫންވެސް މޮޑެލްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅޭނެ ކަމަށެވެ. އީއޯއައިގައި ދެ ފަރާތަށް ލިބޭނެ ފައިދާވެސް ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

އެ އިއުލާނުގައި ބުނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅައިފި ނަމަ، އެޗްޑީސީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ބަޔަކު ހޮވާނެ ކަމަށެވެ. އެގޮތަށް ބަޔަކު ހޮވާއިރު، ޕްރޮޕޯސްކުރާ މޮޑެލްއާއި ތަޖުރިބާއާއި މާލީ ގާބިލުކަމާއި ފުޑް ޓްރަކް ޑިޒައިންކުރާ ކޮންސެޕްޓާއި ސީއެސްއާރަށް އިސްކަންދޭނެ ކަމަށްވެސް ބުންޏެވެ.

  • ފެރީ ޓާމިނަލް ސަރަހައްދު
  • އެސްޓީއޯ ހޮޓެލް ސަރަހައްދު
  • ސެންޓްރަލް ޕާކް
  • ފެހިރެސް ޕާކް
  • ވޯޓާ ތީމް ޕާކް
  • ފުޓްބޯޅަ ސްޓޭޑިއަމް ސަރަހައްދު
  • ފަހިވެނި ކޮމިއުނިޓީ ސެންޓަރު
  • އެޗްޑީސީ ހެޑް އޮފީސް
  • ރެހެންދި ސްކޫލު
  • ރެޑްބުލް ޕާކު
  • ހުޅުމާލެ، ރުއްގަނޑު 1
  • ހުޅުމާލޭ ރުއްގަނޑު 2

އެޗްޑީސީން ބުނީ، އެ ފުޑް ޓްރަކްތަކުގައި ވިއްކާ ކާބޯތަކެއްޗަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށް ވާންޖެހޭނެ ކަމަށެވެ. އަދި ޓްރަކްތައް ހިންގަން އެޗްޑީސީން ހަދާފައިވާ ގައިޑްލައިނާ ހިލާފުވާ ނަމަ 5000-50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ، ފުޓް ޓްރަކްގެ ޕާކިން ޖާގައަށް އިކިއުޒޭޝަން ކޯސްޓުގެ ގޮތުގައި 500،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި ޓްރަކްތަކުގެ މަހު ކުލީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޓްރަކް އޮޕަރޭޓަރުންގެ އަތުން ތިން މަހުގެ އެޑްވާންސް ނަގާނެ ކަމަށްވެސް ބުންޏެވެ.