ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ނެގުމަށް އަމަލުކުރަމުންދާ ކޯޓާ ނިޒާމުގެ ބައެއް މާއްދާތަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ގިނަ ޒަމާންތަކެއް ވަންދެން ގެންގުޅެމުން އައި އެ ގައުމުގެ ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ވަޒީފާ، ވަކި ބަޔަކަށް ދިނުމަށް އޮންނަ އޮތުމާއި ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ ބޮޑެތި މުޒާހަރާތައް ހޫނުވެ ގައުމު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ވަޒީފާތަކުން 30 ޕަސެންޓް ވަޒީފާ ހާއްސަކޮށްފައިވަނީ އެ ގައުމާއި ޕާކިސްތާނާ ދެމެދު 1971 ވަނަ އަހަރު ހިނގި ނގުރާމައިގައި ބައިވެރިވި މީހުންގެ އާއިލާ މީހުންނަށެވެ. އެއީ ގާނޫނުގައި އޮންނަ ގޮތެވެ.

މިދިޔަ ހަފުތާ އިން ފެށިގެން އެ ގައުމުގެ ދަރިވަރުން ވަނީ މަގުތަކަށް އެއްވެ ބޮޑެތި މުޒާހަރާތައް ފަށައިފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުންތައް ހިނގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 އަށްވުރެން ގިނަ މީހުން މަރުވެ 1000 އަށްވުރެން ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެ ފަރުވާދޭން ޖެހުނު ކަމަށް ނޫސްތަކުން ބުނެއެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެކި ވަގުތުތަކުގައި އެ ގައުމުގައި ކާފިއު ހިންގަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތް މުޅި ގައުމުން ވަނީ ކަނޑާލައިފައެވެ.