ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކުގައި ޗައިނާގެ އެހީ ހޯދުމާގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ އެކި ކުންފުނިތަކާ މަޝްވަރާ ކުރައްވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަނީ، އެ ގައުމުގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އަދި ޗައިނާ ޓިއަންޔިންގްއާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުންތަކުގެ ތަފުސީލުތައް ދެއްވަމުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީމެކްގެ ޗެއާމަން ވެންގް ބޯއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމާއި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ރަސްމާލެއާއި ގުޅިފަޅު މަޝްރޫއުތަކުގެ މަސައްކަތަކާ ގުޅޭ މަޝްވަރާތައްވެސް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓިއަންޔިންގްގެ ޗެއާމަން ޑރ. ޔާން ޝެންގްޖުންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކުނި މެނޭޖުކުރުމާއި އާބަން ސާވިސްގެ މަޝްރޫއުތައް ކުރިއަށްދާ ގޮތާއި ދެމެހެއްޓެނިވި ތަރައްގީއަށް މަގު ފަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި އިންވެސްޓް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ސީއެސްސީއީސީގެ މެނޭޖިން ޑިރެކްޓަރު ޗެން ލައިއާ ބައްދަލުކުރައްވައި، ތަރައްގީގެ މުހިންމު މަޝްރޫއުތަކުގައި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެވަޑައިގަންނަވައެވެ.