މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ މޮޑާން ޕޯޓް މެނޭޖުމަންޓުގެ ތިންވަނަ ކޯސް ރާއްޖޭގައި ފަށައިފިއެވެ.
އެ ކޯސް ފެށުމަށް އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އަދި ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެޗްގެ ޗީފް ކޯޕަރޭޓް އޮފިސަރު އައިޝަތު ޝިމްލާ ވިދާޅުވީ އެ ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިންމު ކޯހެއް ކަމަށެވެ. އަދި ތައުލީމާއި ތަމްރީނު ހާސިލުކުރުމުގައި އެމްޕީއެލްގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން ކުރިއެރުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި. އަދި އަޅުގަނޑުމެން ޝާމިލުވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ އިލްމު ހާސިލުކުރުމަށް. އަޅުގަނޑު ހަނދާން ކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެނ،ް އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވިއެވެ.
މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ އެ ކޯހުގައި މި އަހަރު ޖުމުލަ 20 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން އެމްއެސްއެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.
އެމްޕީއެލް އިން ބުނީ، އެ ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރު ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރު ޖޯ ހައިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު