ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާޓް ގެލަރީގައި ކުރިއަށްދާ "އަންވެއިލިން ވިޝަން 2024" އެގްޒިބިޝަން ބައްލަވައިލެއްވުމަށް ފަހު ރައީސް ވިދާޅުވީ، އާޓްގެ ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީ (އާޓް އިންޑަަސްޓްރީ) އަށް ހަރަދު ކުރުމަށް ގްރާންޓު ގޮތުގައި ދޫކުރުމަށް ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ހަމަޖައްސައި ދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާޓްވޯކްތައް ދައްކާލުމަށް މާލޭގައި އޮންނަ ޖާގަ ބޮޑުކޮށް، އާޓިސްޓުންނަށް މަސައްކަތް ކުރެވޭނެ ޖާގައަކާ އެކު، ހުޅުމާލެއިން ތަނެއް ހަމަޖައްސަވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާޓިސްޓުންގެ އާޓްވޯކްތައް މާކެޓުކުރުމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ މެނިފެސްޓޯގެ ދަށުން ފަންނުވެރިން ކުރާ މަސައްކަތް އިންޓަނެޓު މެދުވެރިކޮށް ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.