ހޫތީންގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުގެ މިލިޓަރީ އިން ވަނީ ރަތް ކަނޑުގައި އޮންނަ ޔަމަނުގެ ހުދައިދާ އަށް ހަމަލާ ދީފައިވާކަން ހާމަކޮށްފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ރަސްމީ ޓީވީ އަލް މަސީރަހްއިން ވަނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވަނީ ހުދައިދާގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީގެ އިތުރުން ހަކަތަ އުފައްދާ ޕްލާންޓަކަށް ކަމަށް ބުނެފައެވެ. ހަމަލާ ދިނުމާ އެކު އެސަރަހައްދުގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެެވެ.

އިޒްރޭލުން ދިން ހަމަލާގައި ބައެއް މީހުންނަށް އަނިޔާވެ، ބަޔަކު މަރުވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދާއި އަނިޔާވި މީހުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ހަމަލާއަށްފަހު އެ ގައުމުގެ މިލިޓަރީ އިން ވަނީ ހަމަލާ ދީފައިވަނީ ހޫތީން ހަރަކާތްތެރިވާ މިލިޓަރީ ސަރަހައްދުތަކަށް ކަމަށް ބުނެފައެވެ.

ހޫތީންގެ ތަރުޖަމާނު މުހައްމަދު އަބްދުލް ސަލާމް ބުނީ އިޒްރޭލުން ދިން ހަމަލާގެ އެންމެ ބޮޑު ބޭނުމަކީ ޔަމަނުން ފަލަސްތީނާ އެއްކޮޅަށް ތިބި ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ. ނަމަވެސް އެއީ ދުވަހަކު ވެސް ވާނޭ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

އިޒްރޭލުން ޔަމަނަށް ދިން ހަމަލާ އަކީ ޔަމަނުގެ ހޫތީން ހުކުރު ދުވަހު އިޒްރޭލުގެ ސިޓީއަކަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވުމާ އެކު އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.