އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:32 ހާއިރެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ވަނީ އެ ތަނުގެ ދެ ބިއްލޫރިގަނޑެއް ތަޅާލައިފައެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެ ފަހަރު ތަޅާލާފައިވަނީ ކޭއެފްސީގެ އިރުމަތީ އޮންނަ ޕާކިން ޒޯނާ ދިމާލަށް ކަންމައްޗަށް ހުންނަ ބައިގެ ދެ ބިއްލޫރިގަނޑެކެވެ. މިއަދު ތަޅާލީ އަމީނީ މަގުން ޕާކިން ޒޯނަށް ވަންނަ ދިމާލަށް ހުންނަ ފަޅީގެ ތިން ބިއްލޫރި ގަނޑެވެ.